އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ގްރޫޕް ބީ ގައި ސްކޫޕް ކަންމަތި އަދި ގައުމު އެފްސީ ބައްދަލުކުރި މެޗު ހަނިގޮތަކަށް ސްކޫޕް ކާމިޔާބުކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ސްކޫޕުން ކާމިޔާބުކޮށްފައިވަނީ 3-4 އިންނެވެ. ސްކޫޕުގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 10، މުހައްމަދު އިންޝާލްއެވެ. އޭނާގެ އިތުރުން މެޗުގައި ސްކޫޕަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ހަބީބުއެވެ.
ގައުމު އެފްސީގެ ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 7، އަހުމަދު ސަބާހުގެ ފަރާތުންނެވެ. ސްކޫޕުގެ ހަތަރު ލަނޑުވެސް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު ގައުމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކޫޕަށް ތިން ލަނޑު ޖަހައި ހެޓްރިކް ހެދި މުހައްމަދު އިންޝާލް(އިންޓޭ) އެވެ.
މިއަދުގެ ދެވަނަ މެޗުގައި ގްރޫޕު އޭގެ ކޮށިފަންނަ އަދި ގައްލީޝާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-4 އިން ކާމިޔާބުކުރީ ކޮށިފަންނައެވެ. ފުރަތަމަ ހާފު 0-1 އިން ކޮށިފަންނަ ކުރީގައި އޮވެ ނިމިފައިވާއިރު ދެވަނަ ހާފުގައި އިތުރު ތިން ލަނޑު އެޓީމުން ވަނީ ޖަހާފައެވެ.
ކޮށިފަންނަ ޓީމަށް ލަނޑު ޖަހާދިން ކުޅުންތެރިންގެ ތެރޭގައި ހަސަން ޝާމިހް އަންވަރާއި ޒަމްހަދު ބުޝްރީގެ އިތުރުން އިބްރާހިމް ހާރިޝް ހަސަން ހިމެނެއެވެ. ޝާމިހު ވަނީ ކޮށިފަންނަ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްފައެވެ.
ގައްލީޝާގެ ހަމައެކަނި ލަނޑު ފަހު ހާފުގައި ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 7، އިބްރާހިމް ޝާހުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮށިފަންނަ މޮޅުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރި އެޓީމުގެ ހަތް ނަމްބަރު އިބްރާހިމް ހާރިޝްއެވެ.