އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ ގަލްފު ސަރަހައްދަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
އެގޮތުން މޭ ވަނީ ސައުދީ އަރަބިއްޔާއާއި އުރުދުންއަށް މޭ ކުރައްވަމުންދާ ރަސްމީ ދަތުރުފުޅަކީ ދެގައުމާއި އިނގިރޭސިންނާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ގްރޭޓް ބްރިޓެއިން އީޔޫއިން ވަކިވުމަށް ތައްޔާރުވަމުން އަންނައިރު މިދަތުރުފުޅަކީ އިނގިރޭސިންނާއި ގަލްފުގެ ގައުމުތަކާއި އޮތް އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމަށް މޭ ކުރެއްވި ދަތުރުފުޅެކެވެ.
ސައުދީއަށް ވަޑައިގެން އެގައުމުގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި މުހައްމަދު ބިން ސަލްމާނާއި މޭ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ޕްރިންސް މުހައްމަދުގެ އިތުރުން ސައުދީގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި މަހުޖަނުންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ސައުދީން ފަށާފައިވާ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކޮށް އިނގިރޭސިވިލާތުން ސައުދީއަށް ދެވެން އޮތް އެހީއާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް މިދަތުރުގައި ވަނީ އެޖެންޑާ ކުރެވިފައެވެ.
މީގެ އިތުރުން މޭ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި އިރާގަށްވެސް ވަޑައިގެންފައެވެ. ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މޭ އިރާގަށް ވަޑައިގެންފައިވަނީ ސިއްރުންނެވެ. އަދި އޭނާ ވަނީ މިދަތުރުފުޅާއެކު 2008 ވަނަ އަހަރުން ފެށިގެން އިރާގަށް ވަޑައިގެންނެވި ފުރަތަމަ އިނގިރޭސި ބޮޑުވަޒީރަށް ވެފައެވެ.