އަވައްޓެރި ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަޑެއްގެ ސަބަބުން އެގައުމަށް ކުރަމުންދާ ވިއްސާރައިގައި ރައްކާތެރިވެތިބުމުގެ ގޮތުން މިވަގުތު ލަންކާގައި ތިބި ދިވެހިން ގެއިން ނުނިކުތުމަށް އެގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައިވާ ސަފީރު ހުސެއިން މުހައްމަދު ޝަރީފް (މުންދު) އިލްތިމާސްކޮށްފިއެވެ.
މުއްދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މޫސުމް ގޯސްވާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާ ކަމަށެވެ. އެހެންވެ ރައްކާތެރިވެ ތިބެވުމުގެ ގޮތުން ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެގައުމަށް ކުރިއަށް އޮތް 12 ގަޑިއިރަށް ރެޑް އެލާޓް ނެރެފައެވެ. ވިއްސާރައިގެ ސަބަބުން ލަންކާގެ ސްކޫލްތައް ބަންދުކޮށްފައިވާ އިރު ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓްގެ ދަތުރުތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.
ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެތީ ރައްކާތެރިވެ ތިބުމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.