Last Updated: May 17, 00:08
Thursday, May 16, 2024
ޚަބަރު

ކޯގަންނު މިސްކިތްތަކުގެ ދިރާސާއެއްކޮށްފި

ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ކުރާ މަސައްކަތުގެ ދަށުން މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މިސްކިތްތަކާއި އެތަން ހިމެނޭ ސަރަހައްދުގެ ޚާއްސަ ދިރާސާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި ޕާކިސްތާނުގެ "އާގާ ޙާން ޔުނިވަރސިޓީ" ގެ ޕްރޮފެސަރއެއް ކަމަށްވާ ޑރ. ސްޓެފާން ޕްރަޑީންސްއާއި ގުޅިގެންނެވެ.

މި މަހުގެ 2-26 އަށް ކުރިއަށް ގެންދިޔަ ދިރާސާގައި މީދޫ ކޯގަންނު ގަބުރުސްތާނާއި އެތަނާ އިންވެގެން ހުރި މިސްކިތްތަކާ ގުޅޭ ތާރީޚީ މަޢުލޫމާތުތާއި އެތަންތަން އިމާރާތްކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން ވަރަށް ތަފްސީލީ ދިރާސާތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މި ދިރާސާތަކުގެ އަލީގައި އެއްކުރެވުނު މަޢުލޫމާތުތައް ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ހެރިޓޭޖުން ބުންޏެވެ.

މީދޫ ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު ފެންނަން ހުރި އެންމެ ދުވަސްވީ ގަބުރުސްތާނެވެ. މި ގަބުރުސްތާނުގެ ތެރޭގައި ހަތަރު މިސްކިތަކާއި މެދުޒިޔާރާތުގެ ނަމުގައި ޒިޔާރަތެއް ފެންނަން ހުރެއެވެ.

އެތަނުގައި ހުންނަ ކޯގަންނު ފަނޑިޔާރު މިސްކިތަކީ ރާއްޖޭގައި ހިރިގަލުން ހަދާފައިވާ މިސްކިތްތަކުގެ ތެރެއިން އެންމެ ދުވަސްވީކަމަށް ބެލެވޭ މިސްކިތެވެ.

މިގޮތުން ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ރާއްޖޭގެ ހަ މިސްކިތެއް މިހާރު ހިމެނެ އެވެ.