Last Updated: May 5, 13:23
Sunday, May 5, 2024
ރިޕޯޓް

ފްރީ ޓްރޭޑް އެގްރީމެންޓް: ދިވެހި އިޤްތިޞާދު ޗައިނާއަށް ހިބަކޮށް ދިނުން

ބައިލެޓެރަލް ފްރީ ޓްރޭޑް އެގްރީމެންޓް ނުވަތަ ދެގައުމުގެ ދޭތެރޭ ހިލޭ ވިޔަފާރިކުރުމަށް ވެވޭ އެއްބަސްވުމަކީ އިމްޕޯޓް އެކްސްޕޯޓްގެ ޑިއުޓީ ކުޑަކޮށް ނުވަތަ އެއްކޮށް ދުއްވާލުމަށް ވެވޭ އެއްބަސްވުމެކެވެ. ޗައިނާއަކީ އަމިއްލަ އުފެއްދުންތެރިކަމުން އިޤްތިޞާދު ދަމަހައްޓާ ޤައުމެކެވެ. އަޅުގަނޑުމެންނަކީ އިމްޕޯޓަށް މުޅިންވެސް ބަރޯސާވާ ބައެކެވެ. އަޅުގަނޑުމެންގެ އުފެއްދުންތެރިކަމާއި އެކްސްޕޯޓަކީ ޗައިނާއާއި އަޅާކިޔާކިރު ވަރަށް ކުޑަ މިންވަރެކެވެ. މިއެއްބަސްވުމުން އެންމެ ބޮޑަށް ފައިދާވާނީ އަމިއްލަ އުފެންދުންތައް އެކްސްޕޯޓް ކުރާ ގައުމަށެވެ.

ފްރީ ޓްރޭޑް އެގްރީމެންޓަކުން އިޤްތިޞާދު ކުރިއަރާ، އިންވެސްޓަރުން އިތުރުވެ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ސަބްސިޑީ ދަށްވެ، މާހިރުންގެ އެހީވެސް ލިބިދާނެއެވެ. ނަމަވެސް، މިއިން ނުކުންނާނެ ނޭދެވޭ ކަންތައްތަކަށް ވިސްނާލަންވެސް ޖެހެއެވެ.

މިއެއްބަސްވުމުގެ ސަބަބުން މިގައުމުގައި ހުރި ވަޒީފާތައް ގެއްލިދާނެކަމުގެ ބިރު އެބަ އޮތެވެ. ޗައިނާގެ ވިޔަފާރިތަކަށް އެއްވެސް އުނދަގޫ ކަމެއްނެތި އަޅުގަނޑުމެންގެ އިޤްތިޞާދުގައި މަސައްކަތްކުރުމުގެ ފުރުސަތު އޮތުމަކީ ދިވެހި ކުންފުނިތަކަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ދިވެހިރާއްޖޭގައި ރަނގަޅު ކޮޕީރައިޓް ޤާނޫނުތަކެއް ނެތި މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަކީ ދިވެހިރާއްޖޭއިން ނެރޭ އުފެއްދުންތައް ޗައިނާ ކުންފުނިތަކުން އުފައްދައި އަޅުގަނޑުމެންގެ މާކެޓުގައި އަގުހެޔޮކޮށް ވިއްކަފާނެކަމުގެ ބިރު އޮތްކަމެކެވެ. ޗައިނާގެ ބޮޑު ދަނޑުތަކުގައި އުފައްދާ އެއްޗެހި ރާއްޖޭގެ މާކެޓުގައި ދިވެހި އުފެއްދުންތަކަށްވުރެއް އަގުހެޔޮކޮށް ވިއްކުމުގެ ސަބަބުން އަޅުގަނޑުމެންގެ ދަނޑުވެރިން ފަގީރުވެދާނެކަމުގެ ބިރު އެބައޮތެވެ.

ޗައިނާއިން ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލުން ނަގާ ޑިއުޓީ އަކީ ސަރުކާރަށް ވަންނަ އާމްދަނީއެވެ. ގެއްލިގެން މިދާ އާމްދަނީ ފޫބައްދާނެގޮތެއް ހޯދުމަކީ އަޅުގަނޑުމެން ކަހަލަ ކުރިއަރަމުންދާ ޤައުމަކަށް ވަރަށްވެސް އުނދަގޫކަމަކަށް ވާނެއެވެ. ދިވެހިރާއްޖޭގެ ދަރަނި މިހާ ބޮޑުވެފައިވާއިރު ދިވެހިރާއްޖެއަށް މުދާ އެންމެ ގިނައިން އިމްޕޯޓުކުރާ ގައުމަށް ޑިއުޓީ ކަނޑާލައި، ދިވެހި ވިޔަފާރިތައް ފުނޑާލެވޭވަރުގެ ގާބިލްކަން ހުރި ވިޔަފާރިތަކެއް އެއްވެސް ހާސްކަމެއް ނެތި ދިވެހި އިޤްތިޞާދު ހިސޯރުކުރުމަށް ދެވޭ ދައުވަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރާ އަނިޔާއެކެވެ.

ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ވެވޭ މިއެއްބަސްވުމަށް މަސައްކަތްފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. 5 ފަހަރު މަތިން ބައްދަލުކޮށް، މަޝްވަރާކުރުން ނިމުމަކަށް ގެންނެސް، ދެގައުމު ދޭތެރޭ އެމް.އޯ.ޔޫ އެއްގައި ސޮއިކުރީ މިއަހަރު ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގައެވެ. މިއެއްބަސްވުމުގައި ސޮއިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅީ 29 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 14:30 ގައި ބޭއްވުނު މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ. ޤައުމީ ސަލާމަތުގެ ކޮމިޓީއިން 10 މިނަޓު ތެރޭގައި +1000 ސޮފްހާގެ މިއެއްބަސްވުން ފާސްކޮށް އެރޭ 21:00 ގައި ބޭއްވުނު ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ފައިދާވާނަމަ މިހާ އަވަސް އަރުވާލައިގެން، ރައްޔިތުންނަށް ނުފެންނަ ގޮތަށް، ދިވެހި ކުންފުނިތަކާއި މަޝްވަރާނުކޮށް، އިދިކޮޅު މެންބަރުންނަށް ނުދައްކާ، މިކަން ކުރަން މިއުޅޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ. މިއެއްބަސްވުމަށް އަމަލުކުރަންފަށާ ދުވަހަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު އަޅުގަނޑުމެންގެ އަތުން ބީވެގެންދާދުވަހެވެ. އެދުވަހަކީ ދިވެހިރާއްޖޭގެ ވަކި ބަޔެއް ބޭރުގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖެ އިޤްތިޞާދީގޮތުން އަޅުވެތިކުރާ ދުވަހެވެ.