Last Updated: June 28, 20:14
Sunday, June 28, 2026
ދުނިޔެ

ހޮޓެލަކުން 120 ޓީވީ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ދެކުނު އިންޑިއާގެ ބަޖެޓް ހޮޓެލަކުން ހަތަރު މަސް ދުވަހުގެ ތެރޭގައި 120 ޓީވީ ވަގަށްނެގި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ސީނިއާ އޮފިސަރަކާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި ހޮޓެލުގެ ސްޓާފުންނަށް ވަސުދޭވް ނަނާއިއާހް އަބަދުވެސް ހޮޓެލުގައި އުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެންކަމުން ހޮޓެލުގެ ސްޓާފުންނަށް އޭނާގެ މައްޗަށް ދުވަހަކު ވެސް ޝައްކު ކުރެވިފައިވާ ނުވާ ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި ވަސުދޭވް ހޮޓެލަށް ޗެކިން ވާއިރު އަބަދުވެސް ގެންނަނީ ވަރަށް ބޮޑު ފޮށްޓެއް ކަމަށާއި، އޭނާ މިދިޔަ އޮކްޓޯބަރު މަހު ވެސް ހޮޓެލަކުން ޓީވީއެއް ނެގުމުގެ ތުހުމަތުގައި ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

އެ ފަހަރު އޭނާ ޓީވީ ވަގަށްނެގި މަންޒަރު އެ ހޮޓެލުގެ ސީސީޓީވީ އަށް ވަނީ އަރާފަ އެވެ. މިފަހަރު އޭނާ ހައްޔަރު ކޮށްފައި ވަނީ އޮކްޓޯބަރު އޭނާ ހައްޔަރު ކުރުމުން ބޮންޑް ދައްކައިގެން އޭނާ ދޫކޮށްލާފައި ވަނިކޮށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޖަލުން ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާ ވަނީ އަނެއްކާ ވެސް ވައްކަން ކުރަން ފަށާފަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޗޭތަން ސިންގް ރަތޯރް ބުނީ ވަސުދޭވް ހޮޓެލަށް ގެންދާ ފޮށި މާކުޑަވެއްޖެނަމަ، ޓީވީތަކުގެ ސައިޒް ބެލުމަށްފަހު އޭނާ އެއަށްވުރެ ބޮޑު ފޮށްޓެއް ފަހުން ގެންނަނީ ކަމަށެވެ.

މި ފަހަރު ވަސުދޭވްގެ ވައްކަންތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ އޭނާ އެ ޓީވީތައް ވިއްކާލަން އުޅުނު މީހަކު އެވާހަކަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

ބެންގަލޫރުގެ ފުލުހުންގެ ވަނީ ވައްކަމުގެ 21 މައްސަލައެއް ވަސުދޭވްގެ މައްޗަށް ރަޖިސްޓްރީ ކޮށްފައެވެ. އަދި ފުލުހުން އުންމީދު ކުރަނީ އޭނާގެ ޖަލު ޙުކުމުގެ މުއްދަތު ދިގުވާނެ ކަމަށެވެ.