މަޝްހޫރު އިނގިރޭސި ޓީވީ ސީރީސް "ސޫޓްސް" ގެ ލީޑް ރޯލުން ފެނިގެންދާ މެގަން މާކަލް އެ ސީރީސް ދޫކޮށްލައިފި ކަމަށް ސީރީސްގެ ޕްރޮޑަކްޝަން ކުންފުނިތަކުން އިއުލާންކޮށްފި އެވެ.
މެގަން ވަނީ ދާދިފހުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި އެންގޭޖްކޮށްފަ އެވެ. ޕްރިންސް ހެރީ އާއި މެގަލް މާކަލްގެ ކައިވެނި އޮންނާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައެވެ.
މެގަން ބުނާ ގޮތުގައި އޭނާގެ އެކްޓިން ކެރިއާ ދޫކޮށްލަނީ ޕްރިންސް ހެރީ އާއެކު ދިރިއުޅުމުގެ އާ ފެށުމެއް ފަށަން ކަމަށެވެ. މެގަން އިންޓަވިއުއެއްގައި މިހެން ބުނިތާ އެއް ދުވަސް ވެސް ނުވަނީސް ޔޫއެސްއޭ ނެޓްވޯކް އާއި ޔުނިވާސަލް ކޭބަލް ޕްރޮޑަކްޝަންސް އިން ވަނީ މެގަން "ސޫޓްސް" ދޫކޮށްލާކަން ކަށަވަރުކޮށްދީފަ އެވެ.
އުމުރުން 36 އަހަރުގެ މެގަން "ސޫޓްސް" ގައި އަދާކުރަނީ ވަކީލެއް ކަމުގައިވާ ރޭޗަލް ޒޭންގެ ރޯލެވެ. އެ ސީރީސް ގައި މެގަން ވަނީ ޝޯގެ ލީޑް އެކްޓަރު ޕެޓްރިކް ޖޭ. އެޑަމްސްގެ ކެރެކްޓާ ކަމުގައިވާ މައިކް ރޮސް އާއި އެންގޭޖްކޮށްފަ އެވެ.
2018 ވަނަ އަހަރުގެ ކުރީކޮޅު "ސޫޓްސް" ގެ ހަތްވަނަ ސީޒަން ދައްކަން ފަށާއިރު، މެގަން ވަނީ އެ ސީޒަންގެ ހުރިހާ އެޕިސޯޑެއްގެ ޝޫޓިން ވެސް ނިންމާލާފައެވެ.