އަވައްޓެރި ސްރީލަންކާ ކައިރީ އުފެދިފައިވާ ކޮޅިގަނޑު ޠޫފާނަކަށް ބަދަލުވެދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު މިސްރާބު ލަންކާގެ ހުޅަގު ދެކުނަށް ޖެހި ބާރުގަދަވެފައިވާ ކަމަށެވެ. އަދި ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.
ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި، ކަނޑުގަދަވާނެތީވެ ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ބުނީ މުޅި ރާއްޖެއަށް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަ ކުރާނެކަމަށާއި ބައެއް ސަރަހައްދަށް ބާރު ވަޔާއި އެކު ވިއްސާރަ ކުރާނެ ކަމަށެވެ.
ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގައި ކުރަމުން ދާ ވިއްސާރާގައި ލަންކާއިން މިހާތަނަށް 5 މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ. އެއާއި އެކު ލަންކާގެ ބޮޑު ސަރަހައްދަކަށް ވަނީ ރެޑް އެލާޓް ނެރެފައެވެ.
ލަންކާ ސަރަހައްދުގައި ބާރުގަދަ ކޮޅި ގަނޑެއް އުފެދި ޠޫފާނަކަށް ބަދަލުވެދާނެކަމަށް މީގެ ދެ ދުވަސް ކުރިން އައްޓެރި އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.