Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ހިންނަވަރުގައި ފެންބޮޑުވެ، ތިން ގެއަކުން މީހުން ބަދަލުކޮށްފި

ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ އޯޗީ ޠޫފާނުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ޅ. ހިންނަވަރަށް ބޯކޮށް ވާރޭ ވެހި 3 ގެއަކުން މީހުން ބަދަލު ކުރަން ޖެހިއްޖެއެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެރަށައް ބޯކޮށް ވާރޭ ވެހި ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ ރަށުގެ 75 ޕަސެންޓް ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ އިރު އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ރަށުގެ އަލަށް ހިއްްކި ސަރަހައްދުގައެވެ.

ފެންވަދެ ތިން ގެއެއްގެ މީހުންނަށް ދިރިނޫޅެވޭ ވަރުވުމުން އެމީހުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އަދި ރަށުގެ ކަންކަން އާއްމު ހާލަތަކަށް ގެނައުމަށް ޓާސްކު ފޯސްއެއް އުފައްދައި މަސައްކަތް ކުރަމުން އަންނަކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ޠޫފާން އޯޗީގައި މިހާތަނަށް އަވައްޓެރި ލަންކާއިން 5 މީހަކު މަރުވެފައިވާ އިރު އިންޑިޔާގެ ކެރެލާ ސްޓޭޓުންވެސް 5 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވާ އިރު އެފަރާތްތަކަށް އެހީތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ ސެންޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.