Last Updated: April 18, 12:20
Thursday, April 18, 2024
ރިޕޯޓް

މާބަނޑު ނަމަ ފިކުރާ ދުރުވޭ، ނޫނީ ދަރިފުޅުގެ ސައިޒަށް އަސަރު ކުރާނެ

މާބަނޑު އަންހެނުން ކަންކަމާ މާ ބޮޑަށް ފިކުރުކޮށް، ސްޓްރެސް ލެވެލް މަތިވާ ނަމަ، އޭގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސައިޒަށް އަސަރު ކުރާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ނިއު މެކްސިކޯ ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން ހެދި ދިރާސާގައި ބުނާ ގޮތުގައި މާބަނޑު ވީއްސުރެން ފެށިގެން ވިހެއުމާ ހަމައަށް މައިމީހާ މާ ބޮޑަށް ސްޓްރެސް ވާ ނަމަ، ދަރިފުޅު ހެދިބޮޑުވުމަށް އަސަރުކޮށް، ދަރިފުޅުގެ ސިއްހަތަށް ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާނެ އެވެ.

މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު ކަމަކީ ދަރިފުޅުގެ ހަށިގަނޑު ބޮޑުވާން ޖެހޭ ވަރަށް ބޮޑު ނުވެ، އާދަޔާހިލާފަށް ދަރިފުޅުގެ ސައިޒް ކުޑަވުމެވެ.

ރިސާޗް ޓީމުން ބުނި ގޮތުގައި ދަރިފުޅުގެ ސައިޒަށް އަސަރު ކުރުމުގައި މައިމީހާ މާބަނޑު ދުވަސްވަރު ކާއެއްޗިއްސާއި ކާ މިންވަރާ ވަރަށް ބޮޑަށް ގުޅުން އޮތް ކަމަށް ގަބޫލު ކުރެވުނަސް، ފަހުން މި ހެދި ދިރާސާ އިން ދެއްކި ގޮތުގައި މައިމީހާގެ ސްޓްރެސް ލެވެލް އާއި ދަރިފުޅުގެ ސައިޒާ މާ ބޮޑަށް ވެސް ގުޅުން ބޮޑެވެ.

އެހެންވެ ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް މާބަނޑު ދުވަސްވަރު ހޭދަ ކުރުން މުހިއްމުކަން ދިރާސާ އިން ވަނީ ސާބިތުކޮށްފަ އެވެ. އަދި މިކަމަށް ފިރިމީހާ އާއިލާގެ ފަރާތުން ލިބެން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޮޑެވެ.