Last Updated: April 23, 17:09
Tuesday, April 23, 2024
ރިޕޯޓް

މީ މިހާރު ހުރި ސިފަ، އެންޖެލީނާއާ ވައްތަރު؟

މަޝްހޫރު މީސްމީހުންނާ ވައްތަރު ވާން އުޅޭ މީހުން އެ މީހުންގެ ފޭނުންގެ ތެރޭގައި ވަރަށް ގިނަ އެވެ. ރާއްޖެ އަށް ބަލައިފި ނަމަ، މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީއަކީ، ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ހިޔަނީގައި އުޅޭ މީހެކެވެ. މައްސަލައެއް ނެތެވެ. އެ މީހަކު އުޅޭނެ ގޮތެއް އެނގޭނީ އެ މީހަކަށެވެ.

އެކަމަކު އިރާންގެ މި ޒުވާން އަންހެނާ އަށް މި ޖެހިފައި ހުރި ހާލު ނިކަން ދެކިބަލާށެވެ. އުމުރުން އެންމެ 19 އަހަރުގެ ސަހަރް ތަބަރު ބުނާ ގޮތުގައި އޭނާއަކީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީގެ އެންމެ ބޮޑު ފޭނެވެ. އެހެންވެ ޖޮލީއާ ވައްތަރުވާންވެގެން ސަހަރު ވަނީ އެތަކެއް ކޮސްޓެމެޓިކް ސާޖަރީ ހަދައިފަ އެވެ. ނަތީޖާ އެހެރީ ފޮޓޯތަކުން ފެންނާށެވެ.

އިންޓަނެޓްގައި މިހާރު ވައިރަހެއްހެން ސަހަރްގެ ފޮޓޯތައް ދައުރުވަމުންދާ އިރު، ގިނަ ބަޔަކު މިހާރު އޭނާ ސިފަ ކުރަނީ "ގަބުރެއް" ގެ ގޮތުގަ އެވެ. މޫނު މައްޗަށް އައިސްފައި ހުރި ބަދަލާއި ހަށިގަނޑު ހުރި ގޮތުން ސަހަރު މިހާރު ވައްތަރީ "މައްޔިތާ" ކަމަށް ބުނާ މީހުން ބައިވަރެވެ.

އޭނާގެ ފޮޓޯތަކަށް ކޮމެންޓްކޮށްފައިވާ ބައެއް މީހުން ބުނަނީ ސަހަރު މިހާރު އެހެރީ ޒޮމްބީއެއްހެން ކަމަށާއި އޭނާ ދާންވީ ޒޮމްބީންގެ ދުނިޔެ އަށް ކަމަށެވެ.

ސަހަރް އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ ދިފާއުގައި ވާހަކަ ދެއްކި ބައެއް މީހުން ބުނަނީ އެއީ އަސްލު ފޮޓޯތަކެއް ނޫން ކަމަށާއި އެއީ ހަދާފައި ހުރި ފޮޓޯތަކެއް ކަމަށެވެ.

ކޮންމެއަކަސް ގަބޫލު ކުރަންވީ ކަމަކީ އެހެން މީހަކާ ވައްތަރުވާން ކޮންމެހެން މަސައްކަތް ކުރާނެ ކަމެއް ނެތޭ އެވެ. ފޭނެއްގެ ގޮތުގައި ހުރުމަކުން މައްސަލައެއް ނެތެވެ. އެކަމަކު ބައެއް މީހުން ކުރާ މިފަދަ ކަންކަމުން ދޭހަވަނީ އެ މީހުންގެ ކިބާގައި ކޮންމެވެސް ކަހަލަ މައްސަލަތަކެއް ހުރި ކަމެވެ.