Last Updated: May 15, 21:40
Wednesday, May 15, 2024
ޚަބަރު

ހިޔާ މަޝްރޫއު ކާމިޔާބެއް ނުކުރެވޭނެ: މުހައްމަދު

ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ހިޔާ މަޝްރޫޢު ސަރުކާރުގެ އެކިއެކި ކުންފުނިތަކާ ހަވާުލުކޮށް ތަރައްޤީ ކުރުމަށް ނިންމާފައިވީ ނަަމަވެސް އެ އިމާރާތްތައް ތަރައްޤީކުރުމުގެ ތަޖުރިބާ އެ ކުންފުނިތަކުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި އަހުމަދ ވިދާޅުވީ އެ ކުންފުނިތަކަކީ މިހާރު ވެސް ލޯންތައް ނަގައި، އެ ލޯންތައް އަދާ ކުރުމަށް ދަތިވެފައިވާ ކުންފުނިތައްކަން 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފްޞީލްތަކުން ހާމަވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ޙާލަތު އެތައް ގުނައަކުން ދަށްވެފައިވާ އިރު، މިފަދަ ޕްރޮޖްކްޓުތައް ތަރައްޤީ ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުނިތައް މެދުވެރިކޮށް މިވަރުގެ ބޮޑު މަޝްރޫޢެއް ތަރައްޤީ ކުރުމަށް ނިންމާފައިވުމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފެއިލްވެފައިވާކަން ހާމަވާ ކަމަށް ވެސް މުޙައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސާލެއްގެ ގޮތުން ސްޓެލްކޯ ދާދިފަހުން އެ ކުންފުނި ދަރަނިވެރިވެފައިވާ ކަމަށް އިއުލާންކޮށްފައިވާ އިރު، ގަޑިން ގަޑިޔަށް ކަރަންޓު ނުދެވޭ ދައުލަތުގެ އެންމެ މުހިއްމު އެއް ކުންފުންޏަށް ބޮޑު ހައުސިން ޕްރޮޖެކެޓެއް ނިންމާލެވޭނެ ކަމާމެދު ސުވާުލު އުފެދޭ ކަމަށެވެ.

ފާއިތުވީ 4 އަހަރުތެރޭ ބޭރުގެ އެއްވެސް ކުންފުންޏަކުން މި ސަރުކާރުން ހުށަހެޅި އެއްވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކެޓެއް ފަށާފައިނުވާ އިރު، އެމްޑީޕީ ސަރުކާރުގެ ކުރު ތިން އަހަރުތެރޭ ކޮންޓްރެކްޓް ކުރެވުނު 8،000 އަށްވުރެ ގިނަ ހައުސިން ޔުނިޓްތަކުގެ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރަށް ނިންމިފައި ނުވާކަން މުޙައްމަދު ޢަބްދުލް ކަރީމް ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހުޅުމަލޭގައި ފެށުމަށް ނިންމުނު ޕްރޮޖެކްޓްތައް އެކިއެކި މައްސަލަތައް ކުރިމަތިވެ، އާ އެއްވެސް ކަމެއް މި ސަރުކާރުން ފަށާފައި ނުވާ ކަމަށާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފެއިލްވެފައިވާ ކަމަށެވެ.

މިފަދަ ބޮޑު ޕްރޮޖެކްޓަަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ވާހަކަ ދައްކަވަމުން މުޙައްމަދު ޢަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރަށާއި، މާލީ އަދި އިޤްތިޞާދީ ޙާލަތަށް ވިސްނައި ރާއްޖެއިން ބޭރުން މި ޕްރޮޖެކްޓަށް ލޯނު ދޫކުރާނެ ފަރާތެއް ނެތް ކަމުގައެވެ. ރާއްޖޭގެ ބޭންކުތަކުން ލޯނު ދޫކުރާނަމަ، އާންމު ރައްޔިތުންނަށް ލޯނު ދޫކުރުމަށް ހުރަސް އެޅޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގައި 15،000 ހައުސިން ޔުނިޓު އެޅޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތްތަ ކަމަށާއި، މިއީ ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ވެސް މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވި އެވެ.