ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" ގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި ދަތުރު ކުރާއިރު ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ އުތުރުން ހދ އަދި ހއ އަށް ގަޑިއަކު 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށެވެ.
އޯޗީ އާއި ގުޅިގެން އުފެދިފައިވާ ވިލާގަޑުތައް ރާއްޖެ މައްޗަށް އަރަމުން އަންނަކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ޠޫފާންގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ އިރު އުތުރުގެ ބައެއް ރަށްތަކަށް ވަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައެވެ.
އޯޗީގައި އަވައްޓެރި ލަންކާ އަދި އިންޑިއާގެ ކެރެލާ ސްޓޭޓަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.