އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގައި މިއަދު ކުޅުނު ދެވަނަ މެޗު ފެލްކަންއާ ދެކޮޅަށް ކުޅެ ފަސޭހަކަމާއެކު މަލްޓި ޖީނިއަސް ކާމިޔާބުކޮށްފިއެވެ.
ގުރޫޕު ބީ ގެ މިމެޗު މަލްޓި ޖީނިއަސް ކާމިޔާބުކޮށްފައިވަނީ 3-8 އިންނެވެ. މަލްޓި ޖީނިއަސް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ފެލްކަން ކޮޅަށް ދެލަނޑު ޖަހާފައެވެ.
ފުރަތަމަ ގޯލު ހުސެން ފަސާހު ޖަހާފައިވާއިރު ދެވަނަ ގޯލު މަލްޓިއަށް ލިބުނު ޕެނަލްޓީއަކުން ޖަހާފައިވަނީ އިބްރާހިމް މުހައްމަދެވެ. ދެވަނަ ހާފުގައި ފެލްކަން ޓީމުގެ ޑިފެންސުން ހެދި ގޯސްތަކުގެ ބޭނުން މަލްޓީ ޖީނިއަސް އިން ވަނީ ފުރިހަމައަށް ނަގާފައެވެ.
މިހާފުގައި މަލްޓިއިން އިތުރު ހަ ލަނޑު ޖަހާފައިވާއިރު އޭގެތެރެއިން ދެ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައިވެސް ލަނޑު ޖެހި ހުސެން ފަސާހުގެ ފަރާތުންނެވެ. އަދި ފުރަތަމަ ހާފުގައި ޕެނަލްޓީ ކާމިޔާބުކުރި އިބްރާހިމް މުހައްމަދު ވަނީ ފަހު ހާފުގައި އިތުރު ތިން ލަނޑު ޖަހާފައެވެ.
މަލްޓި ޖީނިއަސްއިން ދެން ލަނޑު ޖަހާފައިވަނީ ޓީމުގެ ކެޕްޓަން، ރުޝާން މުހައްމަދެވެ. ފެލްކަންގެ ތިން ލަނޑުވެސް ފަހު ހާފުގައި ފެނިގެން ގޮސްފައިވާއިރު ލަނޑުތައް ޖަހާފައިވަނީ އަނިލް އިބްރާހިމް، އަސަދުﷲ ހަމީދު އަދި އާސިފް ނައީމެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފަިއވަނީ މަލްޓި ޖީނިއަސްގެ އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރި އިބްރާހިމް މުހައްމަދު(އިއްބެ) އެވެ.