Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

"ޖަލަށް ދާން ޖެހުނަސް އަމާނެއް ނުދޭނަން"

ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް ގައުމު ހަމަ މަގަށް އެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފެއްޓެވި މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އޭނާ އަރުވައިފިއެވެ.

އިޓަލީގެ މިލާންގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕާލަމެންޓޭރިއަން ފޯ ގްލޯބަލް އެކްޝަންގެ 39 ވަނަ އެނުއަލް ފޯރަމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވެފައިވަނީ އެނބުރި ޖަލަށް ދާން ޖެހުނަސް އަމާން ނުދޭނެ ކަމަށާއި މިކުރާ "ހަނގުރާމަ" ހުއްޓާނުލާނެ ކަމަށެވެ.

ފޯރަމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ހާލަތު އެހެން ބައިވެރިން ތަމްސީލު ކުރަމުންދާ ގައުމުތަކުގެ މަޖިލީހުގެ ހާލަތާއި ވަރަށް ތަފާތުކަމަށް ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި "ނުހައްގުން" ގެއްލުވާލާފައިވާ ކަމަށާއި އިތުރު 12 މެމްބަރުންނާއި ދެކޮޅަށް ދިވެހި ދައުލަތުން ދައުވާ އުފުލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މެމްބަރުންނާ ސަރުކާރުން "ޖައްސާލީ" މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް 45 މެމްބަރުންގެ ސޮޔާއެކު ހުށައެޅުމުން ކަން މަހޭ ވަނީ ފޯރަމްގެ ބައިވެރިންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މެމްބަރުން މަސީހުގެ ވޯޓު ނެގުމަށް މަސައްކަތް ކުރުމުން ސިފައިންގެ އެހީގައި މަޖިލިސް "ހިސޯރު" ކުރި ކަމަށާއި ގަދަ ބާރުން ވޯޓު މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީއަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިކަން އިސްލާހުކުރުމަށް ފައްޓަވާފައިވާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ތަކުރާރުކޮށްފައިވެއެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި މިއަދު އަބްދުﷲ މަސީހު ހުންނެވީ ގަދަ ބާރުން ކަމަށާއި އޭނާއާ ގުޅޭ ގޮތުން ތައްޔާރުކުރި ލިޔުމެއްވެސް މަހޭ ވަނީ ފޯރަމްގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.