Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

އައްޑޫ ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރަނީ

އައްޑޫ ސިޓީ ކައުންސިލްގެ އަވަށު ބޯޑުތަކުގެ ރައީސުންނާއި، ނައިބް ރައީސުގެ މަގާމްތަކަށް އައްޔަން ކޮށްފައިވާ ފަރާތްތައް އެ މަގާމުތަކުން ވަކި ކުރުމަށް އެންޓި ކޮރަޕްޝަން (އޭސީސީ) އިން ފޮނުވި ސިޓީއަށް އަމަލުކޮށްފައި ނުވާތީ އާއި އޭގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން އައްޑޫ ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ސޮއި ކުރައްވައި މި މަހުގެ 24 ވަނަ ދުވަހު އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީގައި ވަނީ ގާނޫން ނަންބަރު 7/2010 "ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫ' އާއި ހިލާފަށް އައްޑޫ ސިޓީގައި އަވަށު ބޯޑުތައް އުފައްދައި، އެބޯޑުތަކަށް އައްޔަން ކޮށްފައިވާ ރައީސުންނާއި، ނައިބް ރައީސުން މަގާމުން ވަކިކުރުމަށް އަންގައި އެކޮމިޝަނުން އެޕްރީލް 10، 2012 ގައި ފޮނުވި ސިޓީ ، ހަމަ އެ ދުވަހު އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވާކަން މޭޔަރުގެ އިއްތިރާފުން އެނގޭ ކަމަށެވެ.

އަދި ކޮމިޝަނުގެ ސިޓީ އާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އެޖެންޑާ ވެސް ކޮށްފައި ނުވާ އިރު، ކައުންސިލް މެމްބަރުންގެ ތެރެއިން މޭޔަރާއި، ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދު ފިޔަވައި ކައުންސިލްގެ އިތުރު މެމްބަރަކަށް ކަމިޝަނުން ފޮނުވި ސިޓީ ފެނިފައި ނުވާކަން ކަމިޝަނުގެ ތަހުގީގުން އެނގޭ ކަމަށް އޭސީސީގެ ސިޓީގައިވެ އެވެ.

އެހެންވެ، ގާނޫން ނަންބަރު 13/2008 (އެންޓި ކަރޮޕްޝަން ކަމިޝަނުގެ ގާނޫން) ގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމިޝަނުން އުފުއްލަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ގުޅިގެން ކަމިޝަނަށް ލިބޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ ދިވެހި ރައްޔިތުންގެ މައްޗަށާއި، ދިވެހި ރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގެ މީހުންގެ މައްޗަށް ލާޒިމްކަމަކަށް ވީހިނދު، ކަމިޝަނުން 10 އެޕްރީލް 2012ގައި އައްޑޫ ސިޓީގެ މޭޔަރަށް އެޑްރެސް ކޮށް ފޮނުވި ސިޓީއަށް އަމަލްކޮށްފައި ނުވާތީ އެންޓި ކަރަޕްޝަން ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ކަމިޝަނުގެ އެންގުންތަކަށް ތަބާ ނުވުމުން ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވީ ކަމަށެވެ.

އައްޑޫ ސިޓީގެ އަވަށު ބޯޑު އުފައްދައި މިހާތަނަށް އެ ބޯޑުތަކުގެ ވެރިންނަށް ވަނީ ގާތްގަޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މި ފައިސާތަކަކީ އައްޑޫގެ ރައްޔިތުންގެ ތަރައްޤީއަށް ހަރަދުކުރުމަށް ބަހައްޓާފައި ހުރި ފައިސާއިން ކޮށްފައިވާ ހަރަދުތަކެކެވެ.