Last Updated: May 15, 18:09
Wednesday, May 15, 2024
ޚަބަރު

ޗައިނާއާ އެކު ހަދާ އެއްބަސްވުން ޢައިރު ގާނޫނީ: ނަޝީދު

ޗައިނާ އަށް މިހާރު ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖެން އެ ގައުމާ އެކު ހަދަން ނިންމާފއިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ނިންމާފައިވާ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޔޫޓިއުބު މެދުވެރިކޮށް ނަޝީދު ދެއްވި ހިތޯބެއްގައި ވިދާޅުވީ،ރައްޔިތުން މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި ކަންކަން ނިންމާފައި ވަނީ މަޖިލީހުގެ ހަމަތަކާއި މުޅިން ހިލާފަށް ކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ ނަޝީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައި ނާއިން އެތެރެ ކުރާ މުދާ އެހެން ގައުމުތަކުގެ މުދަލަށްވުރެ އަގުހެޔޮވެގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން އެހެން ގައުމުތަކުގެ މުދާ ރާއްޖޭގެ ބާޒާރުގައި ވިކުން މަދުވެގެންދާނެ ކަމަށެވެ.

އެ މަނިކުފާން ވިދާޅުވީ އެއްބަސްވުމުގެ ދަށުން ޗައިނާއިން އެތެރެކުރާ މުދަލުން ޑިއުޓީއެއް ނުލިބޭނެ ކަމަށާއި ޗައިނާ މުދާ އަގުހެޔޮވެ މުދާ ވިއްކޭ މިންވަރު އިތުރުވުމުގެ ސަބަބުން ފައިދާ ކުރާނީ ޗައިނާ އަށް ކަމަށެވެ.

"އެންމެ ފަހު ޖަލްސާއެއް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ހަމަތަކާއި މުޅިން ހިލާފަށް ނިންމާފައި ވަނީ ހަމައެކަނި ގައިރު ގާނޫނީ ނިންމުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "މި އެއްބަސްވުމަށް މަޖިލީހުން ރުހުން ދިން ގޮތަކީ އަދި މުޅީން އެހެން ވާހަކަތަކެއް."

ނަޝީދު ވިދާޅުވީ ދިވެހިން އެންމެ ބޮޑަށް ބޭރު ކުރާ މުދަލަކީ މަސް ކަމަށާއި ރަނގަޅު އަގެއްގައި މަސް ވިއްކުމަށް އެހެން ރަނގަޅު މާކެޓްތައް އެބަހުރި ކަމަށެވެ. ނަމަވެސް ޗައިނާ އަށް މަސް ވިއްކުމަށް ދިވެހީން މިހާރު ވަނީ ބަނދެވިފައިކަން ފާހަގަކޮށް އެ މަނިކުފާން ވިދާޅުވީ ވިޔަފާރި ވެރިންނަށް ފައިދާ ނުކުރާ ގޮތަށް މަސްވިއްކަން ޖެހިފައިވާ ކަމަށެވެ.

"ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖެއިން ޗައިނާއަށް ބޭރުކޮށްފައިވާ މިންވަރު ކަސްޓަމްސް އަކުން އިނގޭކަށް ނެތް އެކަމަކު ޗައިނާއިން ރާއްޖެއަށް އެތެރެ ކޮށްފައިވޭ 4.3 ބިލިއަން ރުފިޔާގެ މުދާ،" ނަޝިދު ވިދާޅުވި އެވެ. "އަބަދުވެސް ރާއްޖޭން ޗައިނާ އަށް އެތެރެކުރާ މިންވަރު ރާއްޖެއިން ޗައިނާ އަށް ތަކެތި ބޭރުކުރާ މިންވަރަށް ވުރެ މާ ބޮޑުތަނުން އިތުރު."

ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއާ އެކު ހަދާ އެއްބަސްވުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން އިތުރުވެދާނެ ކަމަށް މި ސަރުކާރުން ދެކުނު ނަމަވެސް ޗައިނާ އިން ހަމަ އެކަނި އެއްބަސްވުން ވެފައިވަނީ ރާއްޖެއަކާ ނޫން ކަމަށާއި ބިންބޮޑު ބިޔަ މަޝްރޫއު ހިންގޭ އެތަށް ގައުމަކާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެފައިވާ ކަމަށެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ރާއްޖޭން ފަށާފައި ވަނީ ސެޕްޓެމްބަރު، 18، 2015 ގަ އެވެ. އަދި ރަސްމީކޮށް ވިޔަފާރީގެ އެއްބަސްވުންތައް ހަދަން މަޖިލީހުން ފާސް ކުރި މިދިޔަ ބުދަ ދުވަހު އެވެ.