އިޓާލިއަން ސެރިއޭ އޭ ގައި ނަޕޯލީއާއި ޔުވެންޓަސް ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށް ޔުވެންޓަސް، ދެޓީމުގެ ދެމެދުގައި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މިމެޗު ކާމިޔާބުކޮށް ޔުވެންޓަސް ވަނީ މިސީޒަނުގައި ލީގުގައި ނަޕޯލީ ބަލިކުރި ފުރަތަމަ ޓީމަށް ވެފައެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ނަޕޯލީއަށް ކުރިން ކުޅުނު އާޖެންޓީނާގެ ތަރި، ގޮންޒާލޯ ހިގުއެއިންއެވެ.
ނަޕޯލީއަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ މިމެޗުގައި ފޯވާޑް އިންސިގްނޭ ވަނީ އޭނާއަށް ލިބުނު ފުރުސަތުތައް ބޭކާރު ކޮށްލާފައެވެ. މެޗު ނުނިމެނީސް އިންސިގްނޭ ވަނީ އަނިޔާވެ ދަނޑުން ފައިބާފައެވެ.
ސީޒަނުގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކާފައިވާ ނަޕޯލީ ވަނީ ކުޅުނު 15 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބުކޮށްފައެވެ. ދެ މެޗުން އެއްވަރު ނަޕޯލީ ބަލިވެފައިވަނީ ރޭ ކުޅުނު މެޗުން އެކަންޏެވެ.
ޔުވެންޓަސްވެސް 12 މެޗުން މޮޅުވެފައިވާއިރު ދެ މެޗުން ވަނީ ބަލިވެ އެއް މެޗުން އެއްވަރުވެފައެވެ. ނަޕޯލީއަށް 38 ޕޮއިންޓު ލިބިފައިވާއިރު ރޭގެ ތިން ޕޮއިންޓާއެކު ޔުވެންޓަސް ވަނީ 37 ޕޮއިންޓު ހޯދާފައެވެ.