އިންޑިއާގައި ކޮންމެ 15 މިނެޓަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރެވޭ ކަމަށް ސަރުކާރުން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ބުރާސްފަތި ދުވަހު ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ އިން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ކުޑަކުދިންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ދާދިފަހުން އިންޑިއާގައި ރޭޕްގެ ސަބަބުން ބަނޑުބޮޑުވި އުމުރުން 10 އަހަރުގެ ކުއްޖަކަށް އެބޯޓް ކުރުމުގެ ހުއްދަ ނުދި ވިހަން މަޖުބޫރު ކުރުމުގެ ސަބަބުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ވަނީ ޤައުމުގެ ސަމާލުކަމަށް އައިސްފައެވެ.
އެ މައްސަލާގައި އަންހެން ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި އެކުއްޖާ ދެ ބޮޑުބޭބެއަކު ވަނީ އުމުރު ދުވަހަށް ޖަލަށް ލާފައެވެ.
2016 ވަނަ އަހަރު އިންޑިއާގައި ހިންގާފައިވާ ކުށްތަކުގެ ރިޕޯޓް ހޯމް މިނިސްޓަރު ރާޖްނާތް ސިންގް ދިއްލީގައި ނެރެފައިވާއިރު، އެ ރިޕޯޓުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުގެ ތެރޭގައި ކުޑަކުދިންނާއި ދެކޮޅަށް އެކިއެކި ޖަރީމާތައް ހިންގިކަމުގެ 106،958 މައްސަލަ ވަނީ ރެކޯޑް ކުރެވިފައެވެ.
މީގެ ތެރެއިން 36،022 މައްސަލައަކީ ޕޮސްކޯ (ޖިންސީ ގޯނާތަކުން ކުޑަކުދިން ރައްކާތެރިކުރުން) ޤާނޫންގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކެވެ.
ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި މުޅި ދުނިޔޭގައި ވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އެންމެ ގިނަ ކުޑަކުދިން ނިސްބަތްވަނީ އިންޑިއާއަށެވެ. އެހެންނަމަވެސް އިންޑިއާގައި މިފަދަ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކައި އުޅުމަށް ގިނަ ބަޔަކު ޖެހިލުންވުމާއެކު، އެފަދަ މައްސަލަތަކުގެ އަސްލު އަދަދު އެއަށްވަރު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
2007 ވަނަ އަހަރު އިންޑިއާގެ މިނިސްޓްރީ އޮފް ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓް އިން ކުރި ސާވޭއަކުން އެނިގިފައިވާ ގޮތުގައި ސާވޭ ކުރެވުނު ކުދިންގެ ތެރެއިން 53% ކުދިންނަކީ ކޮންމެވެސް ޒާތެއް ޖިންސީ ގޯނާއެއް ލިބިފައިވާ ކުދިންނެވެ.
ކުޑަކުދިންނަށް ދެމުން ގެންދާ އަނިޔާތަކާއި ދެކޮޅަށް ކެމްޕެއިން ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގިނަ ފަހަރު އެކުދިންނަށް ގޯނާ ކުރަނީ އެކުދިން ދަންނަ މީހުން ކަމަށާއި، އޭގެ ތެރޭގައި އެކުދިންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ އިތުރުން މުދައްރިސުން ވެސް ހިމެނޭ ކަމަށެވެ.