Last Updated: June 28, 18:47
Sunday, June 28, 2026
މުނިފޫހިފިލުވުން

ރިއާނާގެ ޝަރަފުގައި ބާބޭޑޯސްގެ މަގަކަށް ނަން ދީފި

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ އުފަންރަށް ކަމުގައިވާ ބާބޭޑޯސްގެ ބްރިޖްޓައުންގެ މަގަކަށް އޭނާގެ ނަމުން ނަން ދީފިއެވެ.

މި ޝަރަފަށްޓަކައި ރިއާނާ ވަނީ ބްރިޖްޓައުންގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން އުމުރުން 29 އަހަރުގެ ރިއާނާ ބޮޑުވީ ބާބޭޑޯސްގެ ވެރިރަށް ބްރިޖްޓައުންގަ އެވެ. އަދި ލަވަކިޔުމުގެ ދާއިރާއިން ރިއާނާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އޭނާގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ރިއާނާ ކުޑައިރު ދިރިއުޅުނު މަގު ކަމަށްވާ ވެސްޓްބަރީ ނިއު ރޯޑްގެ ނަން ވަނީ މިހާރު 'ރިއާނާ ޑްރައިވް' އަށް ރަސްމީކޮށް ބަދަލުކޮށްފަ އެވެ.

އެ މަގުގެ ނަން ބަދަލުކުރާނެކަން އިއުލާންކޮށްފައި ވަނީ އޮކްޓޯބަރު މަހު ނަމަވެސް، ރިއާނާގެ ޝަރަފުގައި އެ މަގުގެ ނަން ރަސްމީކޮށް ބަދަލުކޮށް، އެ މަގު އަލުން ހުޅުވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

އެކަމަށްޓަކައި ބްރިޖްޓައުންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރިއާނާ ވަނީ ބައިވެރިވެފަ އެވެ. އަދި އެއަށްފަހު އެ ރަސްމިއްޔާތުގެ ތެރެއިން ނެގި ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ރިއާނާ ވަނީ އޭނާގެ ކާމިޔާބީ އަށް މަގުފަހުކުރުވި އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.