Last Updated: June 28, 18:47
Sunday, June 28, 2026
ދުނިޔެ

ޖާނުން ފިދާވުމުގެ ދެ ހަމަލާއެއްގައި 13 މަރު

ދެކުނުއިރުމަތީ ނައިޖީރިއާގެ މާރުކޭޓަކަށް ހޮނިހިރު ދުވަހުގެ ހެނދުނު ޖާނުން ފިދާވެގެން ދިން ބޮމުގެ ދެ ހަމަލާއެއްގައި މަދުވެގެން 13 މީހުން މަރުވެ، އިތުރު 50 މީހަކު އަނިޔާވެއްޖެ އެވެ.

މި ހަމަލާތައް ދީފައި ވަނީ ބޯނޯ ސްޓޭޓްގެ ވެރިރަށް މެއިޑުގުރީގެ ދެކުނުން 115 މޭލު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ބިއު އަށެވެ. ފުލުހުންގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި ދެ އަންހެނުން ވަނީ ބިއު އަށް ވަދެފައި ކަމަށާއި، އޭގެ ތެރެއިން އެކަކު ވަނީ އޭނާގެ ގައިގައި ހަރުކޮށްފައިހުރި އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) މާރުކޭޓުގެ މެދުގައި ހުރެގެން އެކްޓިވޭޓް ކޮށްފައި ކަމަށާއި އަނެކަކު ވަނީ މާރުކޭޓުގެ ބޭރުގައި އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ބޮން އެކްޓިވޭޓް ކޮށްފައި ކަމަށެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ގްރޫޕަކުން ނަގާފައި ނުވާއިރު، މީގެ ކުރިންވެސް ބޯކޯ ހަރަމް ގްރޫޕުން ވަނީ އަންހެނުންނާއި ކުޑަކުދިން ބޭނުންކޮށްގެން އެ ސަރަޙައްދުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ.