އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު 3-1 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ދެލަނޑު ޖަހައި އާސެނަލް ސިއްސުވާލާފައެވެ. ހަތަރު ވަނަ މިނެޓުގައި ޑިފެންޑަރު އެންޓޯނިއޯ ވެލެންސިއާ ޔުނައިޓެޑަށް ލީޑު ނަގާދީފައިވާއިރު 11 ވަނަ މިނެޓުގައި ލިންގާޑު ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.
ޔުނައިޓެޑުގެ ދެގޯލަށްފަހު އާސެނަލްއިން ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް އުފެއްދިއެވެ. ނަމަވެސް ޔުނައިޓެޑު ކީޕަރު ޑެހެއާގެ ހުށިޔާރު ކަމުން ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ފެނިގެން ނުގޮހެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އާސެނަލް އިން ވަނީ ޔުނައިޓެޑު ކޮޅަށް ލަނޑެއް ޖަހާފައެވެ. ލަކަޒޭޓް މިލަނޑު ޖަހާފައިވާއިރު އޭގެ ފަހުން އާސެނަލް އިން ވަނީ ފުލުފުލުގައި ޔުނައިޓެޑު ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ކީޕަރު ޑެހެއާގެ ހުށިޔާރު ކަމުން އާސެނަލްއަށް އިތުރު ގޯލެއް ޖެހިފައެއް ނުވެއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ޔުނައިޓެޑުން ކުޅުނު ކައުންޓާ އެޓޭކެއްގައި ޕޮގްބާ ކުރި ހުރަހަކުން ލިންގާޑު ވަނީ އަނެއްކާވެސް ޔުނައިޓެޑުގެ ލީޑު ފުޅާކޮށްފައެވެ. މެޗުން ޕޮއިންޓެއް ހޯދުމަށް އާސެނަލް ކުރި މަސައްކަތް އިތުރުކުރިއެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ޕޮގްބާ ކުރި ފައުލަކުން ރެފްރީ ވަނީ ޕޮގްބާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޔުނައިޓެޑު ކޮޅަށް އިތުރު ގޯލެއް ޖެހުމަށް ވެންގާވަނީ ވެލްބެކްގެ އިތުރުން ޖިރޫޑުވެސް ކުޅެން ނެރެފައެވެ. ނަމަވެސް ރޭގެ މެޗުގައި ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ބަލި ކުރެވޭނެ އެއްވެސް ގޮތެއް އާސެނަލްއަށް ނުހޯދުނެވެ.
ޔުނައިޓެޑަށް މުހިންމު ތިން ޕޮއިންޓު ލިބުނު ނަމަވެސް ޕޮގްބާ ގެއްލުމާއެކު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވަނީ ވެފައެވެ. އަންނަ ހަފްތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއެކު އިތުރު ދެމެޗު ޕޮގްބާއަށް ވަނީ ގެއްލިފައެވެ.