Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

މާ ހަލުވިކޮށް ނުކާތި، ސިއްހަތަށް ގެއްލުން

ހަމަޖެހިލައިގެން ކާން ވަގުތު ހޭދަ ކުރެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ނޫނީ ތަނަކަށް ދާން ގަޑި ޖެހޭތީ އަވަސް އަރުވާލައިގެން ކާލައިގެން ދަނީ ހެއްޔެވެ؟ މި ސުވާލުތަކާ ދޭތެރޭ މިހާރު މިއޮތީ ސީރިއަސްކޮށް ވިސްނަން މަޖުބޫރުވެފަ އެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި އަވަސް އަރުވާލައިގެން މާ އަވަސް އަވަހަށް ކެއުމުގެ އާދަ ގެންގުޅޭ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ހިތުގެ މައްސަލަތަކާއި ސްޓްރޯކާއި ހަކުރު ބަލި ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިިދާނެ އެވެ.

އެމެރިކާގެ ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ހާމަ ކުރި ރިސާޗް ކަރުދާހެއްގައި ހާމަކޮށްފައިވާ ގޮތުގައި އެ މީހުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އަވަސް އަރުވާލައިގެން ކެއުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ގޮތެއް ނޫނެވެ. އެހެންވެ ބޭނުން ވަނީ ހަމަޖެހިލއިގެން އިނދެ، ކާން ވެސް ވަގުތު ހުސްކޮށްގެން، ޝައުގުވެރިކަމާ އެކު ކެއުމުގެ ގަޑިތައް ކުރިއަށް ގެންދިއުމެވެ.

އެ ކަރުދާހުގައި ބުނެފައިވާ ގޮތުން އަވަސް އަރުވާލައިގެން ކާ ނަމަ، ކާތަކެތި ހަޖަމް ކުރަން ދަތިވެ، ކެވޭ ނުކެވޭ އެއްޗެއް ނޭނގޭ ހިސާބަށް ގޮސް، ހަކުރު ބަލި ފަދަ ކަންކަމަަށް ހުށަހެޅި ދާނެ އެވެ.

އަނެއްކޮޅުން އަވަސް އަރުވާލައިގެން ކާ ނަމަ ބަރުދަން އިތުރުވުމާއި ހަށިގަނޑުގެ ލޭގެ ކޮލިޓީ އަށް ވެސް އަސަރު ކުރެ އެވެ.

ރިސާޗް ޓީމް ބުނާ ގޮތުގައި އަވަސް އަރުވާލައިގެން ކާ ނަމަ ދިމާވާ އަނެއް މައްސަލައަކީ ބަނޑުހައިކަން ނުފިލައި ހިފަހެއްޓުމެއް ނެތި ކެއުމަށް މަގުފަހިވުމެވެ. އަދި ކައިގެން ލިބެން ޖެހޭ ހިތްހަމަޖެހުން އެފަދަ މީހުންނަކަށް ނުލިބޭނެ އެވެ.

އެހެންވެ ވީހާ ވެސް ރައްކާތެރި ގޮތަކީ ކާން އޮންނަ ގަޑިތަކުގައި ހަމަޖެހިލައިގެން އިނދެ ފަރުވާތެރިކަމާ އެކު، މަޑުމަޑުން ކާން އިނުމެވެ. ކާތަކެތި ހަފައިގެން، ކާތަކެތީގެ ހަގީގީ ރަހަ އިހުސާސް ކުރެވޭ ގޮތަށް ކެއުމެވެ.