ޖޯން އަބްރަހަމް އާއި އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅެފައިވާ ކާމިޔާބް ފިލްމް "ދޯސްތާނާ" ގެ ސީކްއެލް "ދޯސްތާނާ 2" އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ކަރަން ޖޯހަރު ބުނެފި އެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 15، 2014 ގައި ކަމަށް ކަރަން ބުންޏެވެ. އެ ފިލްމްގެ ސްކްރިޕްޓް ނިންމައި، މި އަހަރުގެ ފަހުކޮޅު ޝޫޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ތަރޫން މަންސުކާނީ ޑައިރެކްޓްކޮށްފައިވާ ހޯމޯސެކްޝުއަލް ކޮމެޑީ "ދޯސްތާނާ" އަކީ 2008 ވަނަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. މި ފިލްމްގެ ބަތަލާއެއްގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
އެހެން ނަމަވެސް "ދޯސްތާނާ 2" ގެ ބަތަލާއަކީ ކާކު ކަމެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގެ ބަތަލާއަކީ ކެޓްރީނާ ކެއިފް އެވެ. އަދި މި ފަހަރު ޕްރިޔަންކާ ފެނިގެން ދާނީ ހާއްސަ ފެނިލުމަކުންނެވެ.
ޖޯން އާއި އަބީޝެކް އަދި ޕްރިޔަންކާގެ އިތުރުން "ދޯސްތާނާ" ގައި ބޮބީ ޑިއޯލް ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ.