ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ދަރަނި މިސަރުކާރުން ދައްކަން ނުޖެހުނުނަމަ މިހާރު ދައުލަތުގެ ދަރަނި މިހާ ބޮޑު ނުވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ނަޝީދު ސަރުކާރުގެ ދަރަނިތައް މިސަރުކާރުން ދައްކަން ނުޖެހުނުނަމަ މިއަދު ޖުމުލަ ދަރަނީގެ އަދަދު އޮންނާނީ އެއް ބިލިއަނުގައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރު ގައުމުގެ ދަރަނި 29 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދަރަނި އަރަނީ 14 ބިލިއަނަށް ކަމަށާއި މިސަރުކާރުގައި އެދަރަނި ދެއްކުމުގެ ގާބިލިއްޔަތުކަން އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ގޮން ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވީ "މިވެނި ކަމެއް ކޮށްފި ނަމަ އެ ވެނިކަމެއް ވާނެ" ކަމުގެ ސިޔާސަތަކީ އެމަނިކުފާނު ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށެވެ. އެފަދަ ވިސްނުމަކީ ގައުމަށް މަންފާހުރި ވިސްނުމެއް ނޫން ކަމަށާއި އެމަނިކުފާނަކީ އެފަދަ ވިސްނުން ގެންގުޅުއްވާ ރައީސެއް ނޫންކަމަށްވެސް ޔާމީން ރޭ ވިދާޅުވެފައިވެއެވެ.