Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ދެމަފިރިންނާއި ދެ ކުދިން އުޅޭ ގެއަކަށް 23،000ރ. ގެ ފެން ބިލެއް!

އައްޑޫ ސިޓީ، ހިތަދޫގައި 4 މީހުން ދިރިއުޅެމުންދާ ގެއަކަށް 23 ހާސް ރުފިޔާ އަށް ވުރެ ބޮޑު ފެން ބިލެއް ފެނަކައިން
ފޮނުވައިފިއެވެ.

ފެނެކައިން އެގެއަށް ފޮނުވި ބިލަކީ، 25 އޮކްޓޯބަރ 2017 އިން ފެށިގެން 26 ނޮވެމްބަރ 2017 ގެ ނިޔަލަށް ބޭނުންކުރި ފެނުގެ ޚިދުމަތަށް ނަގާ ޗާޖު ހިމަނާފައިވާ ބިލެކެވެ. އެ މުއްދަތަށް ޗާޖުކޮށްފައި ވަނީ، -/2438 ރުފިޔާއެވެ.

ފެން ބިލްގެ ޖުމްލަ އަދަދު -/23541 ރުފިޔާ އަރާފައި ބިލްގައި 'އައުޓް ސްޓޭންޑިން' އަދަދެއްގެ ގޮތުގައި ހިމަނާފައިވާ -/21،103 ރުފިޔާ އެއް ހިމަނައިގެންނެވެ.

ބެލެވޭ ގޮތުގައި މިއީ މީގެ ކުރިން ފެނަކައިން ފެނުގެ ހިދުމަތް ޓެސްޓް ކުރުމަށް ދޫކުރި އިރު ބޭނުން ކޮށްފައިވާ ފެނަށް ކޮށްފައިވާ ޗާޖެކެވެ. އެހެން ނަމަވެސް ޓެސްޓް ކުރުމަށް ދޫކުރި އިރު ފެނަށް ބިލް ކުރާ ވާހަކަ އެއް ފެނަކައިން ބުނެފައެއް ނުވެއެވެ.

ފެނަކައިން އައްޑޫގައި ދެމުން ގެންދާ ފެނުގެ ޚިދުމަތަށް ބިލް ކުރަން ފެށީ ވެސް އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ އަށް ވުރެ 2 ގުނަ ބޮޑުކޮށް އައްޑޫގައި ފެނުގެ ޚިދުމަތަށް ޗާޖުކުރަމުން އަންނައިރު، ވެރިރަށް މާލޭގައި ކަރަންޓާއި ފެނުގެ ޙިދުމަތަށް ދޭ އަގުތަކުގައި ރަށްރަށުގައި އެ ޚިދުމަތް ދޭން ފަށައިފިނަމަ ގެއްލުންވާނެ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ.