Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

"ގޮތް ހުސްވެ" ވީމީޑިޔާގެ ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކޮށްފި

ޖުމުހޫރީ ޕާޓީގެ ލީޑަރު، ހޮނަރަބަލް ގާސިމް އިބްރާހިމްގެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ވީ މީޑިޔާގެ ގިނަ އަދަދެއްގެ މުވައްޒިފުން މިއަދު މަގާމުން ވަކިކޮށްފިއެވެ.

ޓީވީ ޗެނެލަކާއި އޮންލައިން ނޫހެއްގެ އިތުރުން މެގަޒިންއަކާއި ރޭޑިއޯ ސްޓޭޝަނެއް ހިންގަމުން އަންނަ ވީ މީޑިޔާއިން ވަކިކޮށްފައިވަނީ 15 މުވައްޒިފުންނެވެ. މީޑިޔާ ގްރޫޕުން ބުނެފައިވަނީ މުވައްޒިފުން ވަކިކުރީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ.

ހަތަރު މީޑިޔާ އައުޓްލެޓުންވެސް މުވައްޒިފުން ވަކިކޮށްފައިވާއިރު ވީމީޑިޔާ ގްރޫޕުގެ ސީއީއޯ، މުހައްމަދު އާސިފް(މޮންދު) ވިދާޅުވެފައިވަނީ މިއަދު މި ނިންމި ނިންމުމަކީ އޭނާގެ ކެރިއަރުގައިވެސް ނިންމި އެންމެ އުނދަގޫ އެއް ނިންމުން ކަމަށެވެ.

ނަމަވެސް މިއަދު އެމީޑިޔާ އޮތް ހާލަތުގެ ސަބަބުން މާލީ ގޮތުން މުވައްޒިފުން ވަކިކުރުން ނޫން އެހެން އެއްވެސް ފިޔަވަޅެއް އެޅެން ނެތުމުން އެނިންމުން ނިންމީ ކަމަށް މޮންދު ވިދާޅުވިއެވެ.

މާލީ ގޮތުން ކުރިމަތިވި ގޮންޖެހުމާއެކު މިއަދު ގިނަ އަދަދެއްގެ މުވައްޒިފުން މަގާމުން ދުރުކުރަން މަޖުބޫރުވެ ވީއެފްއެމްގެ ޕްރޮޑަކްޝަން ޑިޕާޓްމެންޓުގެ ހުރިހާ މުވައްޒިފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވީމީޑިޔާއާއެކު ޚިދުމަތް ކުރި ބައެއް މުވައްޒިފުންވެސް ވަނީ މިއަދު ވީމީޑިޔާ ދޫކޮށްދާން ޖެހިފައެވެ.