ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅި ފްލެޓުތައް ރައްޔިތުންނަށް ނުލިބި ދައުރު ނިމުމާއި ކައިރި ވެއްޖެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ ހިތަދޫގެ ފްލެޓުތައް ބައިވެރިންނާއި ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާތާ އަހަރެއް ވެފައިވާއިރު އަދިވެސް އޭގެ ކުރިމަގެ ފެނިފައިނުވުމުން ކަމަށް ބެލެވެއެވެ.
ހުޅުމާލެ ފްލެޓުތައް ނިންމައި ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކުރިއިރު ލިބުނު މީހުންގެ ލިސްޓު އާންމުނުކޮށް، ހަމައެކަނި ފޯމު ނަމްބަރު ޖެހުމަށްފަހު އާންމުކުރުމުން ގިނަބަޔަކު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުކިޔާފައެވެ.
ފާޑުކިޔުން އަމާޒުވުމަށް މެދުވެރިވި ސަބަބަކަށްވީ ފްލެޓު ދިނުމަށް ބެލި ޕޮއިންޓު ސިސްޓަމުން ގިނަ ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓް ނުލިބި، މަދުން ލިބުނު ފަރާތްތަކަށް ލިބުނުކަން ރައްޔިތުންނަށް އެނގި، މުޖުތަމައު ތެރޭގައި އެވާހަކަ ދެކެވެން ފެށުމުންނެވެ.
ބައެއް މީހުން ވަނީ ފްލެޓު ދީފައިވަނީ ސީދާ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ކަނޑައެޅި މީހުންނަށް ކަމަށްވެސް ތުހުމަތުކޮށްފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެތުހުމަތުތައް ދޮގުކޮށް، އެއްވެސް ކެމްޕޭނު އޮފީހަކަށް ނުވަތަ ކަމާ ނުބެހޭ ފަރާތަކަށް ފްލެޓު ލިސްޓު ގޮސްފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
އަދި ފްލެޓު ލިސްޓު އާންމުކުރިއިރު ލިބުނު ފަރާތްތައް އާންމުކުރުމުގެ ބަދަލުގައި ފޯމު ނަމްބަރު ހިމެނޭ ލިސްޓެއް އާންމުކުރީ ލިބުނު މީހުންނާއި ނުލިބޭ މީހުން ހިމާޔަތް ކުރުމަށް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.