Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

މަރަދޫ ލިންކް ރޯޑްގެ ވަޅުގަނޑު މަރާމާތު ކުރަން ފަށައިފި

މަރަދޫ ސްކޫލާއި ދިމާލުން ލިންކ ރޯޑުގައި ހެދިފައިވާ ވަޅުގަނޑު ފާހަގަ ކުރުމަށް ގަހެއްޖަހާ، ދެ ކޯން ދެފަރާތުގައި ބަހައްޓާފައި.

ސ. މަރަދޫ ސްކޫލާ ދިމާލު ލިންކް ރޯޑުން އަޑިން ފަސްގަނޑު ދަމައިގަނެގެން ހެދިފައިވާ ވަޅުގަނޑު ހުރި ސަރަހައްދު މަރާމާތު ކުރުމުގެ މަަސައްކަތް ސަދަން ޔޫޓިލިޓީސް ކުންފުނި (އެސްޔޫއެލް) އިން ފަށައިފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ އެސްޔޫއެލް އާއި އެކު ކުއްލި މަޝްވަރާތަކެއް ކުރުމަށް ފަހު މަގު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ލިންކް ރޯޑުން ބޮޑު ވަޅުގަނޑެއް ހެދިގެން ކުއްލި ބައްދަލުވުމެއް ކައުންސިލުން ވަނީ އެސްޔޫއެލް އާ އެކު ބާއްވާފައި. އަޅުގަނޑުމެން ވާނީ އެކަން ވީއެންމެ ރަނގަޅަށް ބެލުމަށް ފަހު މަރާމާތު ކުރަން އެދިފައި." އޭނާ ވިދާޅުވި އެވެ.

ޠޮއްޔިބް ވިދާޅުވީ މަގުގެ ބޮޑު ބައެއް ހަލާކު ވުމުގެ ކުރިން ހާއްސަ އިސް ކަމެއް ދީގެން މަރާމާތު ކުރުމަށް އެސްޔޫއެލްގައި އެދިފައި ވާނެ ކަމަށެވެ.

"އެތަނުގެ އަޑި ހުރި ގޮތެއް ނޭނގޭ. އެހެންވީމާ އެ ސަރަހައްދު ރަނގަޅަށް ކޮނެ ބަލައިގެން އެތަނަށް ވެފައި ހުރި ގޮތް އެނގޭނީ،" ޓޮމް ވިދާޅުވި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ސަރަހައްދުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވުމުގެ ސަބަބުން އެތަން ފާހަގަކޮށްފައި ވަނީ ދެ ފަރާތުގައި ދެ ކޯން ބަހައްޓައި ވަޅުގަނޑުގައި ގަހެއް ޖަހައިގެންނެވެ. އަދި އެކަމާ ހެދި މަގު ބޭނުން ކުރާ ފަރާތްތަަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.