އުރީދޫން ހުޅުމާލޭގައި ބާއްވާ "ކަލާ ރަން" އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން މި ދުވުން ތާވަލުކުރި ނަމަވެސް ރާއްޖެއާ ދިމާލަށް އެރި ތޫފާނުގެ ސަބަބުން މޫސުން ގޯސްވެ، ބޭއްވޭ ގޮތެއް ނުވިއެވެ. އޭގެ ސަބަބުން އުރީދޫއިން ވަނީ ދުވުން ފަސްކޮށްފައެވެ.
މޫސުން ރަނގަޅުވެ މިމަހުގެ އަށްވަނަ ދުވަސްވާ ހުކުރު ދުވަހު "ކަލާ ރަން" ބޭއްވުމަށް އުރީދޫއިން މިހާރު ވަނީ އަނެއްކާވެސް ތައްޔާރުވާން ފަށާފައެވެ.

މިދުވުމުގައި ބައިވެރިވުމަށް 3،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު ދުވުން ފެށޭނީ ހުކުރު ދުވަހު 15:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ ދުވުންތަކާއި ތަފާތު އުރީދޫ ކަލާ ރަންގެ މައިގަނޑު މަގުސަދަކީ ދުވުމަކީ ސިއްހަތަށް ރަނގަޅު ކަސްރަތެއްގެ އިތުރުން މަޖާ ކަމަކަށް ހެދުމެވެ.
އެގޮތުން މިދުވުމުގައި ވަރަށް ޚާއްސަ ސްޕްރައިޒްތައްވެސް އެކުލެވޭކަން އުރީދޫން ވަނީ ހާމަކޮށްފައެވެ. އުރީދޫން ބުނަނީ މިދުވުމަކީ ބައިވެރިންނަށް ވަރަށް ޚާއްސަ ވެގެންދާނެ ދުވުމެއް ކަމަށެވެ.