Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ޗީޒް: ހާޓްއެޓޭކާއި ސްޓްރޯކާ ދެކޮޅަށް

ޗީޒަކީ އެންމެންނަށް ވެސް ވަރަށް މީރު އެއްޗެކެވެ. ތަފާތު ކާނާތައް ތައްޔާރު ކުރަން ވަރަށް ގިނަ ފަހަރަށް ޗީޒް ބޭނުން ކުރިޔަސް، ގިނަ ފަހަަރަށް ވިސްނިފައި އޮންނަނީ ޗީޒަކީ ސިއްހަތަށް އެހާ ރަނގަޅު އެއްޗެއް ނޫން ކަމެވެ.

އެކަމަކު ފަހުގެ ދިރާސާއަކުން މިހާރު ބުނަނީ މުޅިން އެހެން ވާހަކަ އެވެ. އެ ދިރާސާ އިން ދައްކާ ގޮތުގައި އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ކެއުމުގެ ތެރޭގައި ޗީޒްގެ މިންވަރެއް ބޭނުން ކުރާ ނަމަ ސްޓްރޯކާއި ހާޓްއެޓޭކް ޖެހުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކުން މީހާ ދުރުކޮށް ދޭން ބާރު އަޅަ އެވެ.

މީގެ ކުރިން ވެސް ޗީޒާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާއެއްގައި މިއީ އުމުރު ދިގުކޮށް ދޭން ބާރު އަޅާ ބާވަތެއްކަން ސާބިތުވެފައިވެ އެވެ.

ޗީޒާ ބެހޭ ގޮތުން ފަހުން ހެދި ދިރާސާގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް އަލިފާންފޮށްޓެއް (40 ގްރާމް) ވަރުގެ ޗީޒްކޮޅެއް ބޭނުން ކުރާ ނަމަ ސްޓްރޯކް ޖެހުން ފަދަ ކަންކަން 14 ޕަސަންޓަށް ދަށްކޮށްދެ އެވެ.

ހުރިހާ ވައްތަރެއްގެ ޗީޒަކީ މަތީ މިންވަރަށް ވިޓަމިންސް އާއި މިނެރަލް އަދި ޕްރޮޓީން ވެސް އެކުލެވިގެންވާ އެއްޗަކަށްވާތީ މިއީ ތަފާތު ތަފާތު އެހެން ބަލިތަކުން ވެސް ރައްކާތެރިކޮށްދޭ މުއްސަނދި ބާވަތެކެވެ.

ދިރާސާ ހެދި ސައިންޓިސްޓުންގެ ޓީމުން ބުނާ ގޮތުގައި ޗީޒަކީ ހަށިގަނޑުގައި އެކުލެވޭ "ބޭޑް ކޮލެސްޓްރޯލް" ގެ މިންވަރު "ގުޑް ކޮލެސްޓްރޯލް" އަށް ވެސް ބަދަލުކޮށްލަދޭ އެއްޗެކެވެ. އެހެންވެ ޗީޒަކީ ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވައިލަ ދޭން އެހީތެރިވެދޭ ބާވަތެކެވެ.

އިނގިރޭސިވިލާތުގެ ރީޑިން ޔުނިވަސިޓީން ޗީޒާ ބެހޭ ގޮތުން ހެދި މި ދިރާސާ މިހާރު ވަނީ ޔޫރަޕިއަންގެ ނިއުޓްރިޝަން ޖާނަލްގައި ޝާއިއު ވެސް ކޮށްފަ އެވެ.