Last Updated: June 16, 11:49
Tuesday, June 16, 2026
ދުނިޔެ

"ބްރެކްޒިޓް" އާ ދެކޮޅަށް ޓޯނީ ބްލެއާ

އިނގިރޭސިވިލާތުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވާން ނެގި ވޯޓް އަނބުރާ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވިދާޅުވެއްޖެ އެވެ.

އެ ގައުމުގެ ބޮޑުވަޒީރުކަން 1997-2007 އަށް އަދާކުރެއްވި ބްލެއާ ބީބީސީ ނިއުސް އަށް ވިދާޅުވީ ވޯޓްގެ ކުރިން ރައްޔިތުންނާ ހަމައަށް ގެނެސް ދިން ބައެއް ވައުދުތަކަކީ ދޮގެއްކަން މިހާރު ވަނީ ސާބިތުވެފައި ކަމަށެވެ.

އެހެންކަމުން ދޮގުތަކެއްގެ މައްޗަށް ބިނާކޮށް ނެގި ވޯޓެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

ބްލެއާ ވިދާޅުވީ "ބްރެކްޒިޓް" ގެ ފަހުން އެންއެޗްއެސްއަށް ހަފްތާއަކު 350 މިލިއަން ޕައުންޑު ލިބޭނެ ކަމަށް ވޯޓުގެ ކުރިން ބުނި ނަމަވެސް މިހާރު އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން ވޯޓުލީ ރައްޔިތުންނަށް އޭގެ ސަބަބުން އެމީހުން ޚިޔާލު ތަފާތުވެއްޖެ ނަމަ އެކަން އަންގައި ދިނުމުގެ ފުރުސަތުދީ، ވޯޓް އަލުން ނެގުމަށް ބްލެއާ ވަނީ ގޮވާލައްވައިފަ އެވެ.

ގްރޭޓް ބްރިޓެއިންގެ ގައުމުތަކުން ޔޫރަޕިއަން ޔޫނިއަނުން ވަކިވާން ވޯޓު ލީ ގައުމުން އީޔޫއަށް ކުރާ ޚަރަދު ގައުމަށް ކުރުމަށް އެއްބަސްވުމުންނެވެ.

"ބްރެކްޒިޓް" އަށް އަމަލު ކުރަން ފަށާނީ މާޗް، 29، 2019 އިން ފެށިގެންނެވެ.

އޭގެ ސަބަބުން އިނގިރޭސި އިގްތިސޯދަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ބުނެފައިވި ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި އިނގިރޭސިންނަށް ކުރާނެ ގެއްލުން، ފައިދާއަށް ވުރެ ބޮޑެވެ.