Last Updated: May 15, 09:10
Wednesday, May 15, 2024
ޚަބަރު

ބޭރުގެ ވަކި ގައުމަކަށް ރާއްޖެ ބަރޯސާވުމަކީ ގެއްލުމެއް: އަސްލަމް

ބޭރުގެ ވަކި ގައުމަކަށް ބަރޯސާވާ ގޮތަށް ވިޔަފާރީގެ ގުޅުން އުފެއްދުމުން ރާއްޖެ އަށް ލިބޭނީ ގެއްލުން ކަމަށް ރައްޔިތުންގެ މަޖަލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ގުޅުން ޤާއިމު ކުރުމާ ބެހޭ ގޮތުން އަޑު އުފުލުމަށް ރޭ ބޭއްވި "އިހުތިޖާޖް" ޖަލްސާގައި އޭނާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ޒަމާނުއްސުރެ ވެސް ބިނާކޮށްފައި ވަނީ ވަކި އަތަކަށް ބުރަނުވެ ކަމަށެވެ. އަދި އެ އުސޫލުތައް މިހާރު ބަދަލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ ގުޅުން އުފައްދާ އިރު، އިންޑިޔާ ކަނޑުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން ހިފެހެއްޓުމަކީ ދިވެހިންގެ އެންމެ އިސް އެއް ވާޖިބު ކަމަށާއި އެއީ ޤައުމީ މަސްލަހަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާ ފަދަ ބޮޑު ޤައުމަކާއެކު މިނިވަން ވިޔަފާރީގެ ގުޅުން ޤާއިމު ކުރާ އިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގެ އިންޖީނުކަމުގައި ވިދާޅުވެ، މިފަދަ ވިޔަފާރިތަކާ އެކު ޗައިނާގެ ކުންފުނިތަކަށް ފައިދާ ބޮޑުވާނެ ކަމަށާއި ދިވެހި ވިޔަފާރިތަކަށް ގޮންޖެހުންތައް ބޮޑުވާނެކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފާސްވެގެން ދިޔައީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.