ތިމާވެށީގެ ވާހަކަ މިހާ ގިނައިން ދެކެވޭ އަދި ތިމާވެށްޓާ ގުޅޭ ގޮތުން ހޭލުންތެރި ކަމަށް ދެކޭ ދިވެހިން މިހާ ގިނަ ދުވަސްވަރެއްގައި ބައެއް ދިވެހިންގެ ފަރާތުން ފެނިގެންދާ ހައިރާން ކުރުވަނިވި ކަންތައް ވަރަށްވެސް ގިނަ އެވެ.
ދާދި ފަހުން ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވާފައިވާ މަހުޖަނު މަޝްހޫރު ބުރުމާ ޤާސިމް އިބްރާހީމް އައްޑު އަށް ކުރެއްވި ޒިޔާރަތެއްގައި އެ އަތޮޅު ހުޅުމީދޫގެ މީހުން ވަނީ އެ މީހުންނަށް ބޭނުންވާ ކަމެއް ކޮށް ދީފި ނަމަ ވޯޓް ދޭނެ ކަމުގެ ފެހި ސިގްނަލް ޤާސިމަށް ދީފަ އެވެ.
މި ވާހަކަ އަޅުގަނޑު ރައްޓެއްސެއްގެ ކައިރީގައި ބުނުމުން އޭނާ ވަރަށް ހިނި އައިސް މަލާމާތް ކުރާ ރާގަކަށް ބުނީ ތިއީ ގަމާރު މޮޔައިންތަކެއް އުޅޭ ރަށެއް ކަމަށެވެ. އަޅުގަނޑު ބުނީ އެ މީހުން ބޭނުން ވަނީ ރަށުގެ ފުއްޓަރު ފަރާތާ ދިމާލުން ނެރެއް ކޮނެ ފުން ކުރުމަށް ކަމަށެވެ. ގާސިމް މިކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން އެ ދުވަހު އެތައް ބަޔަކު އަތްތިލަ ބަޑި ޖެހި އެވެ. ގާސިމުގެ ހެޔޮފުޅު ކަމަށްޓަކައި ޝުކުރު އަދާކޮށް އޭނާ އަށް ސަނާ ވެސް ކިޔެ އެވެ.
އަދި އެ ނެރު ކޮނުމުގައި ރަށާ ގުޅިފައިވާ އާނުގަނޑު ފޫވައްޓާލައި އެތަން ފުޅާކޮށް އެތަނުން އޮޑިދޯނިފަހަރު ރަށުގެ ފަޅަށް ވަދެ ނިކުމެވޭނެ އިންތިޒާމު ހަމަޖައްސަން އެ މީހުން ބޭނުންވާ ވާހަކަ އެވެ.
އަޅުގަނޑު އޭނާ ގާތުގައި މިއީ ވަރަށް މުހިއްމު ކަމެކޭ ބުނީމެވެ. ނަމަވެސް އޭނާ ބުނީ ކަލެ އަށް ތިކަން މުހިއްމު ކަމުގައި ވިޔަސް މުސްތަޤްބަލުގެ ޖީލުތަކުން ދެކޭނެ ގޮތެއް ނޭނގޭނެ ކަމަށާއި، ތިފަދަ އިޔާދަނު ކުރެވޭ ވަރުގެ ބަދަލެއް ކުޑަ ކުޑަ ފާއިދާއަކަށް ކުރުމަކީ ތާކުންތާކު ނުޖެހޭ މޮޔަ ވިސްނުމެއް ކަމަށެވެ.
ކޮންމެއަކަސް ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަޅުގަނޑުގެ އެކުވެރިޔާ، އަޅުގަނޑު ޤާނޫނު އަސާސީގެ 22 ވަނަ މާއްދާ ރަނަގަޅަށް ކިޔުމަށް އެދުނެވެ. އަޅުގަނޑުވެ ސް އެއްކަލަ ފެހި ފޮތް ހޯދައި ހުޅުވާލީމެވެ. އެ މާއްދާ ތިރީގައި ލިޔެލާނަމެވެ.
"ދިވެިހި ރާއްޖޭގެ ޤުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެީ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާންއޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އިޤްތިސޯދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ޙިމާޔަތް ކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަަަޣައްޔަރު ވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރު އަޅަންވާނެ އެވެ."
މި މާއްދާ ކިޔުމަށް ފަހު އަޅުގަނޑު ވެސް ފުންކޮށް އަޅުގަނޑުގެ އެކުވެެރިޔާ ބުނި އެއްޗަކާ މެދު ވިސްނާލީމެވެ. ހަމަ ޙަޤީޤަތުގައި ވެސް މިތަނުގެ ވެށި އަދި މިރަށް އުފެދިފައިވާ ގޮތުން ރަށުގެ އާނުގަނޑުކަނޑާ ފުއްޓަރުން އަންނަ ބާރު އޮއި ރަށާ ދިމާލަށް އަންނަ ގޮތް ހެދުމުން ރަށް ގިރުމާ އެކު ކައިރީގައިވާ ކުދި ފަޅުރަށްތައް ނެތިގެން ދިޔުމަކީ ވެސް ގާތް ކަމެކެވެ.
ހަމަ މިއާ އެކު އެންމެ ދެ ބޯޓާއި ދެތިން ދޯނި އޮންނަ މިރަށުގެ މީހުން ފުށްޓަރުން މާކަނޑަށް ނިކުމެ ވަދެ ހެދުމަކީ ކޮންމެހެން މުހިއްމު ކަމެއްތޯ ވެސް ސުވާލު އުފެދެ އެވެ. ބައެއް މަސްވެރިން ބުނަނީ އެ މީހުން މާކަނޑަށް ނިކުންނާކަށް މިހާރު ވެސް ދައްޗެއް ނެތް ކަމަށެވެ. މިފަދަ ނެރެއްް ހެދުމުން ހަމައެކަނި 10 މިނިޓް އަވަހަށް ކަނޑަށް އެ މީހުންނަށް ނިކުމެވިދާނެ ކަމަށެވެ.
ނަމަވެސް އާއްމުކޮށް އެތެރެވަރީން އެންދަމާނަމަ މިއަކީ އެމީހުން ޤަބޫލުކުރާގޮތުގައި ކޮންމެހެން ބޭނުންކަމެއްނޫނެވެ. ހަމަ ބޯޓުފަހަރަށްވެސް ކުޑަ ތަންކޮޅެއް އަވަހަށް ރަށުގެ ފަޅާއިހަމަޔަށް އާދެވުން ފިޔަވައި މިކަމަކުން ކުރާނެ އެއްވެސް ފައިދާ އެއްނެތެވެ. މިކަމަކީ ރަނގަޅުކަމެއްކަމުގައި ދެކޭ ބައެއްމީހުން ދެކޭގޮތުގައި މިތަން ކުރިން ބައްދާފައި އޮތުމުން މިތަނުގައި އުފެދިފައިވާ ކިސަޑާއި މަޑު ސާފުވުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް މިކަމަކަށް އެކަށީގެންވާ ހައްލެއް މިކަމުން ލިބުމަކީ ޔަޤީންކަން އޮތް ކަމެއް ނޫންކަމަށް ތިމާވެށީގެ މާހިރުން ބުނެފައި ވެ އެވެ. މި ހުރިހާ ފައިދާއެއްގެ ވާހަކަ އަޅާކިޔާލާ އިރު މިކަމުގެ ހުރި ގެއްލުންތަކަށް ވިސްނާލުން ވެސް މުހިއްމެވެ.
އަޅުގަނޑުމެން ތަރައްޤީވެ ބޮޑެތި އިންޖީނުލީ އުޅަނދުފަހަރު ބޭނުން ކުރާ މިފަދަ ޒަމާނެއްގައި، ކުޑަ ކުޑަ ލުއި ފަސޭހައަކަށްޓަކައި އަޅުގަނޑުމެންގެ ވެށި ޤުރުބާންކޮށްލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މިފަދަ ބޮޑު އިޔާދަ ނުކުރެވޭ ބަދަލެއް އަޅުގަނޑުމެންގެ ނާޒުކު ރަށްތަކުގެ ބިންގާ ކަމުގައިވާ ރަށުގެ އާނު ގަނޑުކަނޑައިގެން ގެނައުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންވާ ބޮޑު ޚިޔާނާތެއް ކަމުގައި ނޫނީ ނުވާނެ ވެ.
އަދި އަޅުގަނޑުމެންގެ ޤާނޫނު އަސާސީ އިން އަޅުގަނޑުމެންނަށް ވެށި ރައްކާތެރި ކުރުމަށް ލާޒިމު ކުރާ ހިނދު ވަކި ބަޔަކަށް އެކަނި ފައިދާވާ ގޮތަށް މިފަދަ ތަރައްޤީގެ މަޝްރޫއުތަަށް ހިންގުމަކީ ވަރަށް ދެރަ އަދި ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ކޮންމެޔަކަސް އަޅުގަނޑުގެ އެކުވެރިޔާ އަށް އަޅުގަނޑު ދިން ޖަވާބަކީ "އެ މީހުން ގަމާރީކީ ނޫނެވެ. އެމީ ހުންނަށް ހަމަ ނުވިސްނެނީ އެވެ."
ތެދެކެވެ. އަޅުގަނޑުމެން އަދިވެސް ތިމާވެށްޓާ މެދު ވިސްނާލެއް ވަރަށް ތިލަ އެވެ. އަދި އަބަދުވެސް އަޅުގަނޑުމެންނަށް އިސްބކުރެވެނީ އަޅުގަނޑުމެންގެ އެދުމެވެ. ބޯދާ ބަހެއްގައި ބުނާހެން މިވެށްޓަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރި އަމާނާތެކެވެ. މި އަމާނާތް ރައްކާތެރިކަމާ އެކު އަޅުގަނޑުމެންގެ މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ މައްޗައް ލާޒިމުވެގެންވާ ކަމެކެވެ.