ކަންގަނާ ރަނާވަތު މިހާރު އަންނަނީ އޭނާގެ ތާރީހީ ފިލްމް "މަނިކަރްނިކާ" ގެ މަސައްކަތް އަވަދިނެތި ކުރަމުންނެވެ.
މި ފިލްމް ލޯންޗް ކުރުމަށްޓަކައި ވަރަނަސިގައި ބޭއްވި ރަސްމިއްޔާތެއްގައި ކަންގަނާ ހާމަކޮށްފައިވާ ގޮތުގައި "ތޭޖޫ" ނަމަކަށް ކިޔާ ފިލްމަކާ އެކު އޭނާ ޑައިރެކްޝަނަށް ނުކުންނާނެ އެވެ. ކަންގަނާ "ތޭޖޫ" ގައި ކުޅޭނީ އުމުރުން 80 އަހަރުގެ އަންހެނެއްގެ ރޯލެވެ.
މީގެ އިތުރުން ކަންގަނާ ބުނެފައިވާ ގޮތުގައި އެ ފިލްމަށް ފަހު އޭނާ އެކްޓް ކުރާނީ ހުސް އޭނާ އަމިއްލަ އަށް ޑައިރެކްޓް ކުރާ ފިލްމްތަކުގަ އެވެ.
ނަމަވެސް ކަންގަނާ ވަނީ މިހާރު އަޔުޝްމަން ކުރާނާއާ އެކު ފިލްމެއް ކުޅުމަށް ސޮއިކޮށްފަ އެވެ. އެ ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ.
ހަމަ އެހެންމެ ޝޭކަރް ކަޕޫރް ވެސް ވަނީ ކަންގަނާއަށްޓަކައި ސްކްރިޕްޓެއް ލިޔަމުންދާ ކަމަށް ބުނެފަ އެވެ. ޝޭކަރްގެ ފިލްމްގައި ވެސް ކަންގަނާ އަދާ ކުރާނީ އުމުރުން 85 އަހަރުގެ އަންހެނެއްގެ ރޯލެވެ.

"ތޭޖޫ" ގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ނޭގުނު ނަމަވެސް، "މަނިކަރްނިކާ" ގެ ޝޫޓިން އަންނަނީ ހަލުވިކަމާ އެކު ކުރިއަށެވެ.
ކަންގަނާ، 30، އަކީ ތިން ފަހަރަށް ނެޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ކުޅަދާނަ ބަތަލާއެކެވެ.