ދިވެހި ރާއްޖޭގެ ތަރައްގީގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން އަރުވައިފި އެވެ.
ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގައި އެޅި 1،500 ފުލެޓު ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޕޮލިޓިކަލް ކައުންސެލާ، މިސް ޔަންގ ވިދާޅުވެފައި ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކޮންމެ އެހީއެއްވެސް ދިނުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ.
މިސް ޔަންގް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން އެހީތެރިވަނީ އެއީ ހަމައެކަނި ރާއްޖެއަށް ފައިދާ ކުރާތީ ނޫން ކަމަށާއި، ރާއްޖެއެކޭ އެއްފަދައިން އޭގެ ފައިދާ ޗައިނާއަށްވެސް ކުރާތީ ކަމަށެވެ.
"ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން އަބަދުވެސް އެހީވާނެ. އެއީ ދެގައުމަށްވެސް ފައިދާ ކުރާނެ ކަމެއް."
މިސް ޔަންގް އިތުރަށް ވިދާޅުވެފައިވަނީ ޗައިނާއިން މިހާރު ހާސިލުކުރުމަށް ރާވާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އެގައުމަކީ އިގްތިސޯދީ ގޮތުން ވަރުގަދަ ޑިމޮކްރެޓިކް ގައުމަކަށް ހެދުން ހިމެނޭ ކަމަށެވެ. ސޯޝަލިސްޓް ގައުމަކަށް ޗައިނާ ބަދަލުވެ އޭގެ ސަބަބުން ޗައިނާގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަންގް ވިދާޅުވެފައިވެއެވެ.
ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅި 1،500 ފްލެޓުތައް މިއަދު ސަރުކާރާއި ހަވާލުކޮށްފައިވާއިރު ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއަދު ހަގީގަތަކަށް ވެގެން ގޮސްފައިވަނީ އެތައް ހާސް ދިވެހިންނެއް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އެހެން ފްލެޓުތައްވެސް ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް ތަކުރާރުކޮށްފައިވެއވެެ.