Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އޮޓޮމެޓިކް ވެދާ ސްޓޭޝަން 55 ރަށެއްގައި ގާއިމް ކުރަނީ

ރާއްޖޭގެ ފަންސާސް ފަސް ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ގާއިމުކުރުމަށް މިއަދު ސަރުކާރުން އިޓަލީ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި ސްޓޭޝަންތައް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ މޫސުމާ ބެހޭ އިދާރާގެ އޮފީސްތައް ނުހުންނަ ރަށްތަކުގަ އެވެ.

ވެދާ ސްޓޭޝަންތައް ހަރުކުރުމަށް އިޓަލީގެ ސީއޭއީ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރޮމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެފައިވަނީ މިސްޓޭޝަންތައް ހަރުކުރެވުމުން މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި މަސައްކަތް ނިމުމުން ހުރިހާ ސްޓޭޝަނެއްވެސް ހުންނާނީ އިންޓަނެޓް މެދުވެރިކޮށް ގުޅާލެވިފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މިމަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުޅި ރާއްޖެ ހިމެނޭ މޫސުމީ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިޕްރޮޖެކްޓުގެ ދަށުން ކުރިއަށް ދާނެ ކަމަށް ތޯރިގް ވިދާޅުވެފައެވެ.

މިއަދުގެ އެއްބަސްވުމުގެ ދަށުން ހ.އ ހޯރަފުށި، ހ.އ ކެލާ، ހ.ދ ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. ފުނަދޫ، ނ. މާފަރު، ފ. މަޑުއްވަރީ، ޅ. އޮޅުވެލިފުށި، ބ. ތުޅާދޫ، ބ. ގޮއިދޫ، ކ. ގާފަރު، ކ. ދިއްފުށި، ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. ހިމަންދޫ، ވ. ރަކީދޫ، ފ. ނިލަންދޫ، މ. މުލި، ދ. ކުޑަހުވަދޫ، ތ. ބުރުނީ، ލ. މާވައް، ގ.އ ކޮލަމާފުށި، ގ.އ ގެމަނަފުށި، ގދ. ތިނަދޫ އަދި ގދ. ފަރެސްމާތޮޑާގައި އޮޓެމެޓިކް ވެދާ ސްޓޭޝަން ހަރުކުރެވޭނެއެވެ.

މީގެ އިތުރުން 19 ރަށެއްގައި މިމަސައްކަތް މިހާރުވެސް ފަށާފައިވާއިރު 11 ރަށެއްގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.