Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

ޕޮގްބާގެ ރަތް ކާޑްގެ މައްސަލަ ނުޖައްސަން ނިންމައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގައި އާސެނަލްގެ ޑިފެންޑަރު، ހެކްޓާ ބެލެރިންގެ ފަޔަށް އެރުމުން ޔުނައިޓެޑުގެ ޕައުލް ޕޮގްބާއަށް ރެފްރީ ދެއްކި ރަތް ކާޑާ މެދު އިތުރު މައްސަލައެއް ނުޖެއްސުމަށް ޔުނައިޓެޑުން ނިންމައިފިއެވެ.

ކުޅުންތެރިޔަކާ ދެކޮޅަށް ރެފްރީއަކު ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ކުލަބަށް އެމައްސަލަ އެފްއޭގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ލިބިގެންވެއެވެ. އަދި އެފްއޭއިން ކުރާ ތަހުގީގަކުން ރެފްރީގެ ނިންމުން ގޯސް ކަމަށް ފެނިއްޖެނަމަ ކުޅުންތެރިޔާއަށް ކޮށްފައިވާ ސަސްޕެންޝަން އުވާލައި، މައާފު ކުރެވޭނެއެވެ.

ނަމަވެސް ރެފްރީ ނިންމި ނިންމުމަކީ ރަންގަޅު ނިންމުމެއް ކަމަށް ތަހުގީގަށް ފެންނަނަމަ ކުޅުންތެރިޔާއަށާއި ކުލަބަށް އިތުރު އަދަބެއް ލިބޭނެއެވެ. އާންމުކޮށް ކުޅުންތެރިޔާގެ ސަސްޕެންޝަން އިތުރުކޮށް ކުލަބު ޖޫރިމަނާކުރުމާއި ހިސާބަށް އާދެއެވެ.

ޕޮގްބާގެ މައްސަލާގައި މޮރީނިއޯ ވަކި އެއްޗެއް ބުނެފައިނުވި ނަމަވެސް ޔުނައިޓެޑު ސަޕޯޓަރުންގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ ޕޮގްބާ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އޭނާ އޭރު ދަނޑުމަތީގައި ހުރި ގޮތުން ބެލެރިންގެ ފައި މައްޗަށް އެރުން ނޫން ގޮތެއް ނެތް ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނަނީ އެމައްސަލާގައި ރެފްރީގެ ނިންމުން ރަނގަޅު ކަމަށެވެ. ޕޮގްބާ ގަސްދުގައި އެކަން ނުކުރި ނަމަވެސް ދަށް ފައި ނެގުމަކީ ސީދާ ރަތް ކާޑެއް ކަމަށާއި ރެފްރީއަށް އެވަގުތު ރަތް ކާޑު ދެއްކުން ނޫން ގޮތެއް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

ޕޮގްބާއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާއަށް އަންނަ ހަފްތާގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗު ގެއްލޭނެއެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެއެވެ. ޕޮގްބާގެ ސަސްޕެންޝަން ޕްރިމިއާ ލީގުގައި ބޯންމައުތް އަދި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗާއި ހަމައަށް ދެމިގެންދާނެއެވެ.