ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ރައީސް ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމަށް ރާއްޖެ ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށެވެ.
"މި ޤައުމަށް މުހައްމަދު ނަޝީދު އަތުވެއްޖެއްޔާ ހުންނަވަން ޖެހޭނީ ޖަލުގައި،"
ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، އެމަނިކުފާނު މިހާރު ގެންދަވަނީ ލަންޑަނުގައި "ކިއްލި ތަޅުއްވަމުން" ކަމަށެވެ.
އަދި އެ ކިއްލިތައް 2018 ގައި ޕީޕީއެމްގެ ކެމްޕެއިންގައި ބޭނުންކުރާނެ ކަމަށް އައިބީ ވިދާޅުވިއެވެ.
ރައީސް ނަޝީދު ޖަލަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އައިބީ ވިދާޅުވި ނަމަވެސް އެމްޑީޕީގެ މެންބަރުން ގެންދަނީ އެމަނިކުފާނަށް 2018ގައި ވާދަކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.