ރިޕޯޓް

ޓްވިޓާ މެދުވެރިކޮށް އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިންމާލީތަ؟

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢޫގެ ވާހަކަ ސަރުކާރުން ދައްކަމުން ގެންދާތާ ދެ އަހަރު ވެގެން ދިޔައިރު މިހާތަނަށް ވެސް އައްޑޫގެ އެއްވެސް މަގެއް ހެދުމުގެ މަސައްކަތް ފަށައިގަނެވިފައެއް ނުވެއެވެ. އެއީ ކޮން ސަބަބަކާއި ހުރެ ކަން ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އައްޑޫގެ ރައްޔިތުން ބުނަމުން ގެންދަނީ ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތީ ކަމަށެވެ.

މިދިޔަ އަހަރު ބަޖެޓް ކުރި ގޮތަށް 2017ގައި ވެސް އައްޑޫގެ މަގުހެދުމުގެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުގައި އަދަދުތަކެއް ހިމެނިއެވެ. އެހެން ނަމަވެސް އަހަރު ނިމިގެން މިދަނީ އެ މަޝްރޫޢު ނުފެށިއެވެ.
އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ "ހާއްސަ އިސްކަމެއް ދެއްވައިގެން" އައްޑޫގެ މަގު ހަދައި ނިންމާނެކަމަށެވެ. އެހެން ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް ނުފެށި 2016 ވަނަ އަހަރު ވެސް ނިމިގެން ދިޔައީއެވެ.

އައްޑޫ ސިޓީގެ މަގު ހެދުން ފޭސް 2 ގެ ނަމުގައި ބަޖެޓް ކުރެވިފައިވާ މަޝްރޫޢު ނުފެށި 2016 ނިމުނު ފަހުން ދެން އައްޑޫގެ މަގު ހެދުމުގެ ހަބަރެއް ވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން ފެށެން އެއް ދުވަހަށް ވެފައިވަނިކޮށެވެ.

މިއަހަރުގެ މެއި 5 ވަނަ ދުވަހު އައްޑޫގެ މަގުހެދުމުގެ މަޝްރޫޢުގެ ވާހަކަ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ހިއްސާކުރެއްވީ ޓްވީޓަކުންނެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ މަގު ހެދުން ލަންކާގެ ސިއެރާ ކުންފުންޏާއި ހަވާލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޓްވީޓަކުން އެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިތާ 5 މަސް ފަހުން އަނެއްކާވެސް ހަމަ އެ ވާހަކަތައް މުއިއްޒު ތަކުރާރުކުރެއްވިއެވެ. ފާއިތުވި އޮކްޓޯބަރު މަހު އައްޑޫގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ، "އައްޑޫގެ މަގުތައް ހަދަން ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ޙަވާލުކުރަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ" ކަމަށެވެ.

"ވަރަށް އަވަހަށް ފަށާނެ" ކަމަށް މުއިއްޒު ވިދާޅުވި ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ނުފެށެއެވެ. 2017 ވަނަ އަހަރު ނިމެން އެންމެ 25 ދުވަހަށް ވެފައިވާއިރު މިއަހަރުގެ ތެރޭގައި އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ފެށޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ވެސް ނެތެވެ.

އައްޑޫ ރައްޔިތުންނަށް ޔަޤީންވީ އެންމެ ކަމެކެވެ. އައްޑޫގެ މަގުހެދުމުގެ މަޝްރޫޢު މުއިއްޒުގެ ޓްވިޓަރ މެދުވެރިކޮށް ފަށާފައިވާ ކަމެވެ. އެކަމަށްޓަކައި އައްޑޫގެ ރައްޔިތުންގެ ފަރާތުން ހިފެހެއްޓުމެއް ނެތި މުއިއްޒަށް ޝުކުރު އަދާކުރެއެވެ.

އައްޑޫގެ ރައްޔިތުންގެ ބަހަކީ މިއީއެވެ. "ޓްވިޓަރ މެދުވެރިކޮށް އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ކާމިޔާބު ކަމާއި އެކު ނިންމާލަ ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ."