ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށް ވައިޓު އެލާޓް އަދި ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓު އެލާޓް ނެރެފައިވާއިރު ގއ އަދި ގދ އަތޮޅަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު 14:30 އާ ހަމައަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މެދު ރާއްޖެތެރެއާއި ދެކުނަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ދެކުނުގައި ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރި ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ މޫސުން ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކަނޑުވެސް ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.