Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ވިއްސާރާގައި ފިޔޯރީ އަށް ގެއްލުންވެއްޖެ

fiyoaree youth online

ރޭ ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރާގައި ގދ. ފިޔޯރީގެ ބައެއް ގެތަކަށާއި ދަނޑުބިންތަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

ފިޔޯރީ ކައުންސިލުގެ ނައިބު ރައީސާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަށުގެ އަލަ އޮޅުތަކާއި ދަނޑުބިންތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.

އަދި 10 ގެއަކަށްވެސް ވިއްސާރާގައި ފެންވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފިޔޯރީ ދަނޑުވެރިންނަށް ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ނައިބު ރައީސް ވިދާޅުވެފައިވަނީ އެންމެ ބޮޑު ގޮންޖެހުމަކީ ހައްލުކުރުމަށް ބޭނުންވާ ސާމާނު ނެތުން ކަމަށެވެ.

ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން މުޅި ރަށުގެ ދަނޑުބިންތަކުގައި ފެން ހިއްކުމަށް ދަތިވާ ކަމަށާއި އެއްތަން ނުނިމެނީސް އަނެއް ތަނަށް ޕަމްޕު ގެންދަން ޖެހޭ ހާލަތަށް އައިސްފައިވާ ކަމަށެވެ.

މިއަދު ހެނދުނު މެޓް އޮފީހުން ވަނީ ގއ އަދި ގދ އަތޮޅަށް ޔެލޯ އެލާޓު ނެރެފައެވެ. ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓު ނެރެފައިވާއިރު މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިސަރަހައްދަށް ވައި އަދި ކަނޑުވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ފިޔޯރީގެ އިތުރުން ރޭގެ ވިއްސާރާގައި ގދ. ރަތަފަންދޫގައިވެސް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް ގެއްލުމެއް ރިޕޯޓުކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.