Last Updated: April 24, 11:19
Wednesday, April 24, 2024
ޚަބަރު

ފޭސްބުކް މެސެންޖާ ޑައުންވެއްޖެ

މި ހަފްތާގެ ތެރޭގައި ދެވަނަ ފަހަރަށް ފޭސްބުކް މެސެންޖާގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.

މިއަދު ހެނދުނުއްސުރެ މެސެންޖާ މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަނީ ކުރަމުންނެވެ. އެގޮތުން މެސެޖުތައް ފޮނުވުމާއި ލިބުމުގައި އަދިވެސް ބައެއް މީހުންނަށް ދަނީ ދަތިތައް ކުރިމަތި ވަމުންނެވެ.

މިވަގުތު ވެސް ގިނަބަޔަކު ތިބީ މެސެންޖާގެ ޚިދުމަތްތައް ބޭނުން ނުކުރެވިފައެވެ. އެގޮތުން މެސެންޖާ މަސައްކަތް ނުކުރާކަމުގެ ވާހަކަ ވަނީ މަޝްހޫރު ވެބްސައިޓް ޑައުން ޑިޓެކްޓާގައި އެތައް ސަތޭކަ ފަހަރެއްގެ މަތިން ރިޕޯޓް ކުރެވިފައެވެ.

ލަފާކުރެވޭ ގޮތުގައި މެސެންޖާގައި މައްސަލަ ޖެހެން ފަށާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެންމެ ބޮޑަށް މިކަމުގެ އަސަރުކޮށްފައި ވަނީ އިނގިރޭސިވިލާތާއި ޔޫރޮޕްގެ ޤައުމްތަކަށެވެ.

މެސެންޖާ އަށް ކުރިމަތިވެފައިވާ މައްސަލައަކީ ކޮބައިކަން އަދި ސާފުވެފައި ނުވާއިރު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ފޭސްބުކް އިން ބުނެފައި ވަނީ މެސެންޖާގެ ހުރިހާ ކަމެއް ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ގިނަ ބަޔަކަށް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ.