މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި ކަމުގައިވާ އެމަޒޯން އިން އޮސްޓްރޭލިއާގައި ވިޔަފާރި ކުރަން ފަށައިފި އެވެ.
އޮންލައިން ވިޔަފާރި އަކީ އެހާ އާންމު ނޫން ނަމަވެސް ދުވަހުން ދުވަހަށް ކުރިއަރަމުންދާ ވިޔަފާރިއެކެވެ.
އޮސްޓްރޭލިއާގެ ރީޓެއިލް އިންޑަސްޓްރީ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި އެޤައުމުގެ ކުންފުނިތަކަށް އެމަޒޯންގެ ސަބަބުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
މީގެ ކުރިން އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެއްޗެހި އޯޑަރު ކުރެވެނީ އެމަޒޯންގެ އެމެރިކާގެ ވެބްސައިޓް މެދުވެރިކޮށެވެ. އެހެންނަމަވެސް މިއަދުން ފަށައިގެން އެޤައުމަށް ޚާއްސަ ކުރެވިފައިވާ ވެބްސައިޓުން އެއްޗެހި އޯޑަރު ކުރެވޭނެ އެވެ. އެމަޒޯން އިން ވަނީ އޮސްޓްރޭލިއާގެ މެލްބަންގެ އައްސޭރިން ބޮޑު ޑިސްޓްރިބިއުޝަން ސެންޓަރެއް ޤާއިމްކޮށްފަ އެވެ.
މިކަމުގެ ސަބަބުން މީގެ ކުރިން އޮސްޓްރޭލިއާގެ ރައްޔިތުން ދައްކަމުން އައި ޝިޕިން ފީތައް ކުޑަވުމުގެ އިތުރުން ޑެލިވަރީތައް ކުރިއަށްވުރެ އަވަހަށް ލިބޭނެ އެވެ.
އޮސްޓްރޭލިއާ އަށް އެމަޒޯން އައުމާއެކު އެޤައުމުގެ އިޤްތިޞާދަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.