Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އޭވައިޑީއޭ 2017 ގެ ގޯލްޑް އެވޯޑް ޝަހްމީނާ އަށް ލިބިއްޖެ

މި އަހަރުގެ އޭޝިއާ ޔަންގް ޑިޒައިނާ އެވޯޑް (އޭވައިޑިއޭ) ގެ އާޗިޓެކްޗާ އެންޑް އިންޓީރިއާ ޑިޒައިން ކެޓަގަރީން ގޯލްޑް އެވޯޑް މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީގައި ކިޔަވާ ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ޝަހްމީނާ އަށް ލަބީބް އަށް ލިބިއްޖެ އެވެ.

އޭނާއާ އެކު ގޯލްޑް އެވޯޑް ދެން ލިބުނީ މަލާޔާ ޔުނިވަސިޓީގައި ކިޔަވާ އެންޖީ ވައި ހައު އަށެވެ. ގޯލްޑް އެވޯޑާ އެކު ޝަހްމީނާ އާއި ހައު އަށް އިނާމެއްގެ ގޮތުން 5،000 މެލޭޝިއަން ރިންގިޓް ވެސް ލިބިފައިވެ އެވެ.

އައްޑޫ ހިތަދު އަށް ނިސްބަތްވާ ޝަހްމީނާ އަށް ގޯލްޑް އެވޯޑް ލިބުނީ އޭވައިޑިއޭ އަށް އޭނާ ތައްޔާރު ކުރި "ޕްލޭން ބީ" ޕްރޮޖެކްޓުންނެވެ. އެ ޕްރޮޖެކްޓް މައިގަނޑު ގޮތެއްގައި ބިނާ ކުރީ ޒަމާނީކޮށް އަދި ދުރު މުސްތަގުބަލަކަށް އަމާޒުކޮށްގެން ގައުމުތަކުގައި ސިޓީތައް ތަރައްގީ ކުރާ އިރު، މާމުއި ކުޅަނދުރު މަދުވާތީ އެ މައްސަލަ އަށް ސަމާލުކަން ލިބޭ ގޮތަށެވެ.

މެލޭޝިއާގެ ނިޕޯން ޕެއިންޓާއި އައިޖޭއެމް ލޭންޑް އިން އިންތިޒާމްކޮށްގެން ބޭއްވި މި އަހަރުގެ އޭވައިޑީއޭގެ ތީމަކީ "ޔޫ ފޯ ޓްމޯރޯ: ފިއުޗާ ލިވިންގް އޭސް އެންވިޝަންޑް ޓްޑޭ" އެވެ.

މި އެވޯޑްގައި ވާދަކޮށްގެން ރާއްޖޭގެ ދަރިވަރަކު ގޯލްޑް އެވޯޑް ހާސިލް ކުރި އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އަންނަ އަހަރު މާޗްގައި ބާއްވާ އޭޝިއަން ޑިޒައިނާ އޮފް ދި އިޔާގައި ޝަހްމީނާ މެލޭޝިއާ ތަމްސީލު ކުރާނެ ކަމެވެ.

އޭގައި އޭޝިއާގެ 14 ގައުމަކުން ވާދަ ކުރާނެ އެވެ.

އޭގެ ތެރޭގައި އިންޑިއާ، ސްރޫ ލަންކާ، ސިންގަޕޫރް، ފިލިޕިންސް، ބަންގްލަދޭޝް، ތައިލެންޑް، ޕާކިސްތާން، އިންޑޮނީޝިއާ، އީރާން، ވިއެޓްނާމް، ޗައިނާ، ޖަޕާން އަދި ހޮންކޮންގް ހިމެނެ އެވެ.