Last Updated: June 16, 11:49
Tuesday, June 16, 2026
ޚަބަރު

"ވަކި ކުރި" ތިން މެމްބަރުން ދައުވާއަށް އިންކާރުކޮށްފި

ކ-ވ: ސައުދް، ވައްޑެ އަދި އަމީތު، ތިން މެމްބަރުންވެސް ވަނީ ދައުލަތުން އުފުލާފައިވާ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް އިންކާރުކޮށްފައި: ފޮޓޯ-އަވަސް

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް، މަޖިލިސް މެމްބަރުން ނޫން ހާލަތުގައި، ގަދަކަމުން ވަން ކަމަށް ދައުލަތުން ދައުވާ އުފުލާފައިވާ ތިން މެމްބަރުން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންވެސް ދައުވާއަށް އިންކާރުކޮށްފިއެވެ.

ތިން މެމްބަރުންގެ ވަކީލާ، ހިސާން ހުސެއިން ވަނީ ތިން މެމްބަރުންވެސް ދައުވާއަށް އިންކާރު ކުރި ސަބަބު ކޯޓުގައި ބަޔާން ކޮށްފައެވެ. އޭނާ ވަނީ ތިން މެމްބަރުންގެ ތެރެއިން ދެމެމްބަރުންނަށް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ސިޓީ ފޮނުވީ މަޖިލީހަށް ވަން ކަމަށް ބުނާ ދުވަހުގައި ކަމަށާއި އީސީން ސިޓީ ފޮނުވި ވަގުތު އެނގެން ބޭނުން ކަމަށް ވިދާޅުވެފައެވެ.

އޭގެ ސަބަބުން ދައުލަތުގެ ވަކީލާ ވަނީ އެކަން އިލެކްޝަންސް ކޮމިޝަނުން ސާފުކުރާނެ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އަންގާނެ ކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ ފަރާތުން ތިން މެމްބަރުންނާ ދެކޮޅަށްވެސް ހެކި ހުށައަޅާފައިވާއިރު އެދުވަހު އެތަނަށް ދިޔަ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް ފޮނުވި ދެސިޓީ ހުށައަޅާފައެވެ.

އޭގެ ތެރެއިން އެއް ސިޓީގައި މަޖިލީސް އިދާރާއިން ވަނީ މަޖިލިސް ހުންނަ ސަރަހައްދުގައި ގާނޫނީ ހިލާފު އަމަލުތައް ހިނގާ ކަމަށްބުނެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދިފައެވެ. އަދި އަނެއް ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނެ ފޮނުވި ސިޓީއެކެވެ.

ހުއްދަ ނޫން ތަނަކަށް ވަން ކަމުގެ ދައުވާ ދައުލަތުން ތިން މެމްބަރުންނާ ދެކޮޅަށްވެސް އުފުލާފައިވާއިރު ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 16 ޖެނުއަރީ 2018 ގައެވެ. ތިން މެމްބަރުންވެސް ދައުވާއަށް އިންކާރުކޮށްފައިވާއިރު، ދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި އަށާރަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.