އަންނަ އަހަރު އައިޑީ ކާޑު ޖަހައިގެން ފްލެޓްތަކަށް ވަދެވޭނެ ކަމަށް ވިލިފުށީ ދާއިރާގެ މަޖިިލސް މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް މިހެން ވިދާޅުވީ ރޭ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
"2018ގައި ތިޔަބޭފުޅުންގެ އައިޑީ ކާޑު ޖަހައިގެން ފްލެޓްތަކަށް ވަދެވޭނެ. އެ އިންތިޒާމު ވެސް މިސަރުކާރުން ހަމަޖައްސައި ދޭނަން،"
ރިޔާޒު ވިދާޅުވީ އައިޑީ ކާޑު ޖަހައިގެން ފްލެޓަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސޭނީ މިސަރުކާރަށް ކަމަށާއި އެކަން އިދިކޮޅު ފަރާތްތަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެ ކުރިން އައިޑީ ކާޑު ޖެހުމުން ޑޮލަރު އަންނަ ކަމަށް ވިދާޅުވި ވާހަކަ މިއަދު ހަގީގަތަކަށް ވެފައިވާކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ، އެކަން ވެސް ކުރެއްވީ ސަރުކާރުގެ ޕޮލިސީއަށް ގެނައި ކުޑަ ބަދަލަކުން ކަމަށެވެ.
އަދި ކުރުމުއްދަތެއްގެ ތެރޭގައި ގެނެސްދީފައިވާ އެފަދަ ތަރައްގީތަކާއި ގުޅިގެން އެކަމަށް ހަސަދަވެރިވާ ބަޔަކު ވެސް އެބަތިބި ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ ދިވެހިރާއްޖެ އިން ޗައިނާއާ ގުޅުން ބަދަހިކުރުމުން، ލިބޭ ކުރިއެރުންތަކަށް ވެސް ހަސަދަވެރިވާ އަވަށްޓެރިންތަކެއް އެބަ ތިބި ކަމަށާއި އެހެން ނަމަވެސް ފަސް އެނބުރި ބެލުމެއް ނޯންނާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ސްރީ ލަންކާއިން ދައުރެއް ކުޅޭ ކަމަށް މީގެ ކުރިން ތުހުމަތުކުރައްވައި ވާހަކަ ދެއްކެވި ނަމަވެސް ރޭގެ ޖަލްސާގައި ޗައިނާއާ ގުޅުން ބަދަހިކުރުމުން ހަސަދަވެރިވަނީ ކޮން ގައުމަކުން ކަމެއް ރިޔާޒް ވިދާޅު ނުވެއެވެ.