ޚަބަރު

ޔުނައިޓެޑް ގްރޫޕްގެ އެއްވަނައިގައި ދެވަނަ ބުރަށް

ގްރޫޕް އޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭ އިން މެންޗެސްޓާ ޔުނައިޓެޑާއި ސީއެސްކޭއޭ މޮސްކޯ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކޮށް ޔުނައިޓެޑު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެއްޖެއެވެ.

މިމެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ މޮސްކޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ފަހު ހާފުގައި ޖަހައިގެންނެވެ. މޮސްކޯގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ.

ޔުނައިޓެޑުން ފަހު ހާފުގައި ގޯލު ޖަހާފައިވަނީ 65 ވަނަ މިނެޓާއި 66 ވަނަ މިނެޓުގައެވެ. ފުރަތަމަ ގޯލު ލުކާކޫ ޖަހާފައިވަނިކޮށް މޮސްކޯއިން އަލުން ކުޅުން ފެށިތަނާ މިނެޓެއްވެސް ނުވަނީސް ލީޑު ނަގާފައިވަނީ ރަޝްފޯޑްގެ ގޯލަކުންނެވެ.

މިމޮޅާއެކު ޔުނައިޓެޑަށް 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފައިވާއިރު ދެވަނަ ލިބުނީ ބާސެލްއަށެވެ. ބާސެލް 0-2 އިން މޮޅުވި މިމެޗުން މޮޅުވިއިރު އެޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މާކުރިންވެސް ކަޓާފައިވާ ބެންފީކާ މިފަހަރު ޗެމްޕިއަންސް ލީގާއި އަލްވަދާއު ކިޔަނީ ކުޅުނު ހަމެޗުންވެސް ބަލިވެގެންނެވެ.

ގްރޫޕް ބީ

ގްރޫޕް ބީ ގައި ޕީއެސްޖީއާއި ބެޔާންގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވާއިރު ބެޔާން ވަނީ 1-3 އިން މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބުނީ ޕެރިހަށެވެ. ބެޔާންގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ލެވަންޑޮސްކީ އަދި ޓޮލީސޯއެވެ. ޓޮލީސޯގެ ދެލަނޑު މެޗުގައި ފެނިގެން ގޮސްފައިވާއިރު ޕެރިހުގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ އެމްބާޕޭގެ ފަރާތުންނެވެ.

މިގްރޫޕުގައި ދެން އޮތް ދެޓީމު މެޗުގެ ކުރިންވެސް ކަޓާފައިވާއިރު ސެލްޓިކް ވަނީ އެންޑަލެޓް އަތުން 0-1 އިން ބަލިވެފައެވެ. ހަމަހަމަ ގްރޫޕެއްގެ ގޮތުގައި ގްރޫޕް ބީ ނިމިގެން ގޮސްފައިވާއިރު ކުރީގައި އޮތް ދެޓީމަށްވެސް ވަނީ 15 ޕޮއިންޓު ލިބިފައެވެ. އަދި ފުލުގައި އޮތް ދެޓީމަށްވެސް ލިބުނީ 3 ޕޮއިންޓެވެ.

ގްރޫޕް ސީ

އެންމެ ފޯރިގަދަ ގްރޫޕް، ސީ ގައި ރޭ ޗެލްސީއާއި އެތްލެޓިކޯ ކުޅުނު މެޗު އެއްވަރުވެ އެތްލެޓިކޯ ވަނީ ޗެމްޕިއަންސް ލީގުން ކަޓައި، ޔޫރޮޕާ ލީގަށް ވެއްޓިފައެވެ. 1-1 އިން މިމެޗު އެއްވަރުވެ ނިމިފައިވާއިރު ރޭ ރޯމާއާއި ގަރަބާގް ކުޅުނު މެޗުން ރޯމާ މޮޅުވެ ވަނީ ގްރޫޕުގެ އެއްވަނަ ލިބިފައެވެ.

ގްރޫޕް ސްޓޭޖުގެ ކުރީކޮޅު އެތްލެޓިކޯގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އެތްލެޓިކޯއަށް މެޗުގެ ކުރިންވެސް ކޮލިފައިވުމަށް ލިބިފައިވަނީ ކުޑަ ފުރުސަތެކެވެ. މެޗުން އެއްވަރުވެ ޕޮއިންޓުން އެތްލެޓިކޯގެ ކުރިއަށް ޗެލްސީ ޖެހިލާފައިވާއިރު ޗެލްސީ ޖެހުނީ ދެވަނަ ބުރަށް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކޮލިފައިވާށެވެ.

ގްރޫޕް ޑީ

ބާސެލޯނާ އަދި ޔުވެންޓަސްގެ ކޮންޓްރޯލް އޮތް މިގްރޫޕުގެ އެއްވަނަ ނެގީ ބާސާއެވެ. ރޭ ބާސާ އަދި ސްޕޯޓިން ކުޅުނު މެޗު 0-2 އިން ބާސާ ކާމިޔާބުކޮށްފައިވާއިރު ޔުވެންޓަސް އަދި އޮލިމްޕިއާކޮސް ބައްދަލުކުރި މެޗުވެސް ނިމިގެން ދިޔައީ ހަމަ އެ ސްކޯއިން ޔުވޭ ކުރީގައި އޮވެގެންނެވެ. ނަމަވެސް ބާސާ ވަނީ ކުޅުނު ހަ މެޗުން ހަތަރު މެޗު ކާމިޔާބުކޮށް، ދެ މެޗުން އެއްވަރުވެފައެވެ.

ޔުވެންޓަސް ވަނީ ދެ މެޗުން އެއްވަރުވެ، އަދި އެއް މެޗުން ބަލިވެސް ވެފައެވެ. އޭގެ ސަބަބުން ބާސާއަށް 14 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފައިވާއިރު ޔުވޭއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ސްޕޯޓިންގ ސީޕީ އަށް 7 ޕޮއިންޓު ލިބިފައިވާއިރު ގްރޫޕުގެ ފުލަށް ދިޔަ އޮލިމްޕިއާކޮސް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.