ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޗައިނާއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މިއަދު ޗައިނާ އަށް ވަޑައިގެންނެވީ ސިންގަޕޫރުގައި ދެ ދުވަހަކު މަޑުކޮށްލެއްވުމަށްފަހު އެވެ.
މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާބައްދަލުވުންތައް ބޭއްވުމަށް ހަމެޖެހިފައިވާއިރު ދެގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސޮއިކުރައްވަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ.