ރިޕޯޓް

މުޖުތަމައު ތެރެއިން: ހޮސްޕިޓަލަށް ދާ މަގުގައި ބޮޑު ވަޅުގަނޑެއް!

މިއީ އައްޑޫ އަށް ވިއްސާރަ ދުވަސްކޮޅަކަށް ވުމުން އައްޑޫގެ މަގުތަކުގައި ދުއްވާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. ފެންގަނޑު ތަކުގައި "ފަތާފައި" ނޫން ގޮތަކަށް ހިނގާ މީހުންނަށް ނޫޅެވޭ އިރު ވަހިކަލްތަކުގައި ދުއްވާ ފަރާތްތަކަށް ވެސް މަގުތަކުގައި ދުއްވުމަކީ ތުރާލެކެވެ.

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލަށް ދާން އޮންނަ މަގުގައި ހުރި ވަޅުގަނޑެެކެވެ.

މި ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރި މީހާ ބުނެފައިވާ ގޮތުގައި، އެ ވަޅުގަނޑަށް އޭނާ ސައިކަލުގައި ގޮސް ނުވެއްޓުނީ ކިރިޔާ ކަމަށެވެ.

"ހޮސްޕިޓަލަށް ދާ ވަންވޭ މަގުގެ މިތާގައި ބޮޑު ވަޅުގަނޑެއް އެބަހުރި، ސައިކަލުން ގޮސް ނުވެއްޓުނީ ކިރިޔާ. އެންމެން ވެސް ބަލައިގެން ދާތި،"


ފޭސްބުކްގައި މި ފޮޓޯ ހިއްސާކުރި ފަރާތުން ބުނެފައިވާ ގޮތުގައި، ހޮސްޕިޓަލަށް ދާން އޮންނަ މަގުގައި ބޮޑު ވަޅުގަނޑެއް ހުރެގެން އެކަން ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.

މި ފޮޓޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ ވަޅުގަނޑަށް ޖަހާފައި ސައިކަލުން ވެއްޓި ދެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.